އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު ކުޅުން ދައްކައިގެން އާސެނަލް ބަލިނުކުރެވޭނެ ކަމަށާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ޔާގަން ކްލޮޕް ބުނެފިއެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވުމާއެކު ލިވަޕޫލަށް ވަނީ ލީގު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. ލިވަޕޫލަށް 31 މެޗުން 71 ޕޮއިންޓް ލިބިފައެވެ. އެ ޓީމާއި އެއްވަނައިގައި އޮތް އާސެނަލާ މެޗުގެ އަދަދުވެސް، ޕޮއިންޓްގެ އަދަދުވެސް އެއްވަރުވެފައި އޮތްއިރު، އާސެނަލް އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ފަރަގުންނެވެ. އާސެނަލް ފައިދާ 51 ގޯލާއެކު އޮތް އިރު، ލިވަޕޫލަށް ހޯދިފައި ވަނީ ފައިދާ 42 ގޯލެވެ.

ޔުނައިޓެޑުން އަންނަ މަހު ލީގުގައި އާސެނަލާ ދެކޮޅަށް ނުކުންނަ އިރު، ކްލޮޕްގެ ނަޒަރުގައި ޔުނައިޓެޑަށް ލިވަޕޫލަށް އެހީވެދެވޭނެއެވެ. އަދި މި ވަގުތު ލިވަޕޫލަށް އޮތް އެންމެ މުހިންމު ކަމަކީ ކެތްތެރިވުން ކަމަށްވެސް ކްލޮޕް ބުންޏެވެ.

"އަހަރެން ގަބޫލުކުރަން ރޭގެ މެޗުންވެސް މޮޅުވާން ލިވަޕޫލަށް ހައްގު ކަމަށް. އެކަމަކު އެހެން ނުވި، ދެން އޮތީވެސް ހަމަޖެހިގެން ކެތްތެރިވުން. ދެން އޮތީ އަހަރެމެން އާސެނަލާއި ޔުނައިޓެޑް ކުޅޭ މެޗަށްވެސް އުންމީދުކުރުން. އެ ހިސާބަށްދާއިރު އަހަރެމެން ވާދަވެރިކޮށް އޮވެއްޖެއްޔާ ޔުނައިޓެޑަށް ސަޕޯޓް ކުރެވޭނެ. އެކަމަކު މިއަދު ޔުނައިޓެޑް ކުޅުނުހެން ކުޅެފިނަމަ، އާސެނަލް މޮޅުވާނެ. އެހެން ބުނަން ބޭނުން ނުވިޔަސް، އެއީ ހަގީގަތް،" ކްލޮޕް ރޭގެ މެޗަށްފަހު ބުންޏެވެ.

އާސެނަލާއި ޔުނައިޓެޑް ވާދަކުރާ ލީގު މެޗު އޮންނާނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ.