ފިތުރު އީދަށް މުޅި ރާއްޖެ ދިއްލާލުމަށް ކުރަމުންދާ މަސައްކަތަކީ ދީނީ އަދި ގައުމީ ބޮޑު މަސައްކަތެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ގާއިމުވެފައިވާ ހުރިހާ ރަށެއްގައި އިސްލާމީވަންތަކަން ދައްކައިދޭ ލައިޓުތަކާއެކު ޒީނަތްތެރިކޮށްފައެވެ.
ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތީން މި އަހަރުގެ ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ އީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
އަދި އެކަމަކީ އީދު ފާހަގަކުރުމުގައި ފަހުގެ ތާރީހުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫހު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ އީދެއް ތަޖުރިބާ ކުރުމުގެ ފަހިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން އަންނާން އޮތް ޖީލުތަކަށް އީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަކުރުމަށް ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
"މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑާޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަހުރެއް،” ފަހުމީ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު