ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ މިއަހަރުގެ ޗެމްޕިއަންކަންވެސް ހުޅުމާލެ ވެޓެރަންސް ކްލަބުން ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ހުޅުމާލެ ޔުނައިޓެޑުން ނުކުތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)ގެ ކެޕްޓަން ކަމުގައި ކުޅެމުންދާ މުއިވެޔޮ ފްރެންޑްސްއާ ދެކޮޅަށެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު އޮތީ ގޯލެއް ނުޖެހި އެއްވަރުވެފައެވެ. މެޗު ޕެނަލްޓީއަށް ގޮސް، ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި، މުއިވެޔޮއިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވިއެވެ. ހުޅުމާލެ ވެޓެރަންސްގެ އެއް ޕެނަލްޓީ ނާކާމިޔާބުވެފައިވާ އިރު، މުއިވެޔޮ ޓީމުން ޕެނަލްޓީ ނާކާމިޔާބުވީ އަހުމަދު ނިޔާޒް (ނިޔާ) އާއި އަހުމަދު ސައީދު (އަންމަޓީ) އަތުންނެވެ. ހުޅުމާލެ ޓީމުން ހުސެއިން ޝިމާޒް (ކޮކީ) ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

މުއިވެޔޮ އިން ޕެނަލްޓީ ކާމިޔާބުކުރީ އަބްދުﷲ ސުޖާއު (ސުޖާ)، މުހައްމަދު ނަސްރު، އަދި ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ. ހުޅުމާލެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިބްރާހިމް މާޖިދު، އާފިއު މުހައްމަދު، އަބްދުﷲ ހަނީފް (ބެންޖޯ) އަދި އަބްދުﷲ ޒުބެއިރު (ޒުއްބަ) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލެ ވެޓެރަންސްގެ ބެންޖޯއެވެ. އެންމެ މޮޅު ކީޕަރަކީ އެ ޓީމުގެ ގޯލްކީޕަރު، ހަަސަން ރަމީޒް (ޓިމޯ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، މުއިވެޔޮގެ އަންމަޓީއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ، ދިވެހި ސިފައިންގެ ކްލަބެވެ.

ހުޅުމާލެ ވެޓެރަންސް ޓީމުން އެންމެ ފުރަތަމަ މުބާރާތުގެ ތަށި ހޯދީ 2022 ވަަނަ އަހަރު ފައިނަލުގައި މޯލްޑިވްސް ސޮކަ މޭޓްސް ބަލިކޮށްފައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ ފައިނަލުގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިފައެވެ.