އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި މެންޗެސްޓާ ސިޓީވެސް މޮޅުވެއްޖެއެވެ.
އާސެނަލުން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ބްރައިޓަން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ރޭ 4-2 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފައިވާ އިރު، އެޓީމުންވެސް ދަނީ ލީގު ތަށްޓަށް ވާދަކުރަމުންނެވެ.
ރޭގެ މޮޅާއެކު، އާސެނަލް އެއްވަނައިގައި އޮތީ 31 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 30 މެޗުން 70 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ސިޓީއަށް 31 މެޗުން ވަނީ 70 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލުން ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ އަލުން އެއްވަނައަށް އެރޭނެއެވެ.
ރޭ އާސެނަލުން ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި އެޓީމުން ވަނީ ބްރައިޓަން ކޮޅަށް ގޯލު ޖަހައި ލީޑު ނަގައިފައެވެ. ރޭގެ މެޗުގެ ކުރިން އާސެނަލުން ލުޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުފެނުނު، ބުކަޔޯ ސަކާ އާސެނަލަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުންނެވެ. އާސެނަލަށް ޕެނަލްޓީ ލިބުނީ ތާރިގް ލަމްޕްޓޭ، ގެބްރިއަލް ޖީސަސްއަށް ކުރި ފައުލަކުންނެވެ.
ދެވަނަ ހާފަށް ނުކުމެ، އާސެނަލުން އިތުރަށް ކުޅުން ރަނގަޅުކުރި އިރު، ކައި ހަވާޓްސް ވަނީ 62 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައިފައެވެ. އަދި އޭގެ ފަހުން މެޗު ނިމެން ދަނިކޮށް ލެއާންޑްރޯ ޓްރޮސާޑް ވަނީ 86 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ގޯލު ޖަހައި އެޓީމަށް މޮޅު ޔަގީން ކޮށްދީފައެވެ.
ސިޓީން ރޭ ކުޅުނު މެޗުގައި ވިދާލީ ކެވިން ޑިބްރޭނާއެވެ. ސިޓީން ފަހަތުން އަރައި މޮޅުވި މެޗުގައި ޑި ބްރޭނާ ވަނީ ދެ ގޯލު ޖަހައި، އެސިސްޓެއް ހަދައިދީފައެވެ. ޑި ބްރޭނާ އެސިސްޓް ކޮށްދިނީ އާލިން ހާލަންޑް ޖެހި ގޯލަށެވެ. ސިޓީގެ އަނެއް ގޯލު ޖެހީ ރިކޯ ލެވިސްއެވެ.
ރޭ ޕެލެސްގެ ގޯލުތައް ޖެހީ ޖޯން-ފިލިޕް މަޓޭޓާއާއި އޮޑްސޯން އެޑްވާޑޯއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު