ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒެއް ނުހިނގާނެ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ނަސީރުގެ ޖަގަހަ ހުޅުވައިދެއްވައި ރައީސް މިރޭ ވިދާޅުވީ އެމަނިކުފާނަށް ގައުމުގައި ހަމަޖެހުން ގާއިމުވެގެން ދިއުން ވަރަށް މުހިންމު ކަމަށާއި ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނަން އެމަނިކުފާނު ނިންމެވީ އިހުލާސްތެރިކަމާ އެކުގައި ކަމަށެވެ.
"މި ސަރުކާރަކުން މިހާތަނަށް އަދި ކުރިއަށް އޮތް ތަނުގައިވެސް ނުފެންނާނެ ބަދަލު ހިފުމުގެ ރޫހެއް. މިދިޔަ ކުރީ ޒަމާންތަކުގައި ވެރިކަންތައް ބަދަލުވެގެން އަބަދުވެސް ކޮންމެވެސް ކަހަލަ ރިޔާސީ ކޮމިޝަނެއް ހަދައިގެން ނޫނިއްޔާ ކޮންމެވެސް އެކަހަލަ ކަމެއްގެ ތެރެއިން ކުރީގެ ސިޔާސީވެރިން ހިފައި ހައްޔަރުކުރުމަށް، ސިޔާސީ ވީތީ ހިފައި ހައްޔަރުކުރުމަށް ކަންކަން ކުރި. އަބަދުވެސް އެކަހަލަ ބިރުވެރިކަމެއްގެ ތެރޭގައި ނޫންތޯ ދުވަސްތައް ދިޔައީ. މިހާރަކު ނުފެންނާނެ އެކަމެއް. ސިޔާސީ މީހަކަށް ވީތީ ހައްޔަރެއް ނުކުރާނެ އެއްވެސް މީހަކު މިސަރުކާރުން،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް ގާނޫނީ ވެރިކަމެއް ކުރުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމް ކަމެއް ކަމަށާއި އެމަނިކުފާނު ހުންނެވީ ގާނޫނީ ހުވައެއް ކުރައްވައިގެން ކަމަށެވެ. އެހެންކަމުން ގާނޫނީ ވެރިކަމެއް ކުރުމުގައި ގާނޫނުގައި އޮންނަ ގޮތުން މީހަކު ކުށެއް ކޮށްފިނަމަ، އެކަމެއް ބެލުމަކީ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެކަމަކު ސިޔާސީ ވެގެން އެމީހަކު ގެންގޮސް ހިފައި ހައްޔަރުކޮށްގެން ސުވާލެއް ނުކުރާނެ. އެކަމެއް ނުފެންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިފަހުން ފުލުހުންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތައް ހިއްސާ ކުރައްވަމުން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ގައުމަށް ހަމަޖެހުން ގެންނަން ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
"މީގެ ކުރީގައި ފުލުހުންގެ މައްޗަށް ހިނގަމުންދިޔަ ސިޔާސީ ނުފޫޒެއް މި ސަރުކާރުން ހަގީގަތުގައިވެސް ނުހިނގާނޭ، އެފަދަ ކަމެއް ކުރުމުގެ ފުރުސަތުވެސް އަޅުގަނޑު ނުދޭނަމޭ. އަޅުގަނޑާ ހަމަޔަކުން އަދި މިނިސްޓަރަކާ ހަމަޔަކުން އަދި އެއަށްވުރެ ދަށް ލެވެލަކުންވެސް ސިޔާސީ ފައިދާ ހޯދުމަށް ވަކި ފުލުހުންނަށް ސީޕީއަށް ދެންހުރި ބޭފުޅަކަށް ގުޅައިގެން ކަންކަން ކުރުމަކީ އަޅުގަނޑު ޓޮލަރޭޓް ކުރާނެ ކަމެއް ނޫނޭ. އެކަމެއް ނުހިނގާނޭ. އެ ޔަގީންކަމާއި އެ ހިތްހަމަ ޖެހުން އެބޭފުޅުންނަށް އަޅުގަނޑު ދިނިން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަލުން ހޯއްދައިދެއްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި ބޭނުންފުޅުވަނީ ކުރީގައި ހިންގި ގޮތަށް އެސްއޯ ފުލުހުން ނުކުމެ ރައްޔިތުން ހައްޔަރުކޮށް، ރައްޔިތުންނަށް އަނިޔާކުރާ މުއައްސަސާއެއްގެ ގޮތުގައި ލޭބަލްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށެވެ.
ރައީސް ވިދާޅުވީ އެކަމުގެ އެއް މިސާލަކީ މިފަހުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމުން، ކޫއްޑޫގައި މަސްވެރިން ކުރި މުޒާހަރާ ބާރުގެ ބޭނުން ނުކޮށް، މަޝްވަރާ ކޮށްގެން ހުއްޓުވާފައިވުން ކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުން ފޮނުވައިގެން އެ މުޒާހަރާ ހުއްޓުވުމަށް ވަރަށް ގިނަ ފަރާތްތަކުން އެދުނު ކަމަށާއި ފުލުހުންވެސް ތިބީ އެމަނިކުފާނުގެ އިޝާރާތަކަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ނިންމެވީ މަސްވެރިންނާ މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރުމަށް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ބޭނުންފުޅު ވަނީ މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް ނުވަތަ ރަށެއްގެ ހަމަޖެހުން ގެއްލޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، ފުލުހުން ނެރެ، ބާރުގެ ބޭނުން ކުރައްވައި، ހަމަޖެހުން ގާއިމް ކުރައްވާނެ ކަމަށާއި އެނޫން ހާލަތްތަކުގައި އެކަން ގޮތަކަށް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު