އިދިކޮޅު އެމްޑީޕީއަށް އައްޑޫ ސިޓީން މެޖޯރިޓީ ހޯދައިދޭ ކޮންމެ ފަހަރަކު އެ ރައްޔިތުންގެ މޫނުމަތީ ޖެހީ ކޮޅުފައިން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ޕީޕީއެމްގެ ސެނެޓަރު މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ލަމްއާން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ އުންމީދު ގުޅިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާކަން ކަށަވަރު ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވައި، އެމަނިކުފާނު އެކަން ހާސިލުކޮށްދެއްވާނެ ކަމަށެވެ. އަދި އެކަމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
"ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މަނިކުފާނުގެ ފިކުރު ފެށިގެން އައި ހަރަކާތަށް އެންމެ އެއްބާރުލުން ދެއްވި އައްޑޫ ސިޓީ ރައްޔިތުންނަށް ފާއިތުވި އެތައް އަހަރަކު ދިނީ ދޯކާ. އެ ރައްޔިތުން ކޮންމެ ފަހަރަކު މެޖޯރިޓީ ހޯދައިދިނީމަ ވެސް އެ ރައްޔިތުންގެ މޫނުމަތީ އެމްޑީޕީން ޖެހީ ކޮޅުފައިން،" ލަމްއާން ވިދާޅުވިއެވެ.
ލަމްއާން އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމްޑީޕީގެ ދޯހަޅި އިގުތިސާދީ ސިޔާސަތަށް ނޫނެކޭ ބުނެގެން ކަމަށާއި މި ސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ. އަދި ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާއެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"އަދުގެ ރައީސް ޑރ މުއިއްޒުގެ މާލީ ސިޔާސަތު ހަރުދަނާވާނެ. މުސްތަގުބަލަށް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން،" ލަމްއާންގެ އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީންނެވެ. އެ ޕާޓީން 89 ކެންޑިޑޭޓަކު ވާދަކުރާ އިރު، އިދިކޮޅު އެމްޑީޕީން 82 ކެންޑިޑޭޓަކު ވާދަކުރެއެވެ. ދެން ހިމެނެނީ ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ 10 ކެންޑިޑޭޓަކާއި އަދާލަތު ޕާޓީގެ ހަތަރު ކެންޑިޑޭޓަކާއި އެމްޑީއޭގެ ހަތަރު ކެންޑިޑޭޓަކާއި އެމްއެންފީގެ ދެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންންނެވެ.
ސިޔާސީ ޕާޓީތަކުން މަޖިލިސް އިންތިހާބަށް ވާދަކުރާ ޖުމުލަ ކެންޑިޑޭޓުންގެ އަދަދަކީ 238 އެވެ. އެއީ 22 އަންހެން ކެންޑިޑޭޓުންނާއި 216 ފިރިހެން ކެންޑިޑޭޓުންނެވެ. އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަނީ 20 އަންހެން ކެންޑިޑޭޓުންނާއި 110 ފިރިހެން ކެންޑިޑޭޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު