ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަބަދުވެސް އޮންނަންވީ އެމްޑީޕީގެ އަތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ދިން ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ސީދާ ފައިދާއެއްވާ ކަމެއް ކުރާ ބަޔަކީ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ސިޔާސަތުތައް ބައްޓަން ކޮށްފައި އޮންނަނީވެސް އެގޮތަށް ކަމަށެވެ.

"ރާއްޖެ ހަމަމަގަށް އެޅުވުމަށްޓަކައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިސް ބޭނުންވަނީ. ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަބަދުވެސް އޮންނަންވީ އެމްޑީޕީގައި. ރައްޔިތުންނަށް ސީދާ ފައިދާއެއްވާ ކަމެއް ކުރާ ބަޔަކު އެމްޑީޕީ. ސިޔާސަތުތައް އެމްޑީޕީގައި ބައްޓަން ކުރެވިފައި އޮތީ އެގޮތަށް. ވެރިކަމުގައި ތިއްބަސް މަޖިލީހުގައި ތިއްބަސް އަމާޒަކީ އެއީ. ރައްޔިތުންނަށް ސީދާ ފައިދާވާ ކަންކަން ކޮށްދިނުން،" ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިދިޔަ 50 އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް ކަމެއް ކޮށްދެވިފައި އޮތީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި ހާއްސަކޮށް މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ.

އެގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އައްޑޫ ސިޓީގެ މަގުތައް ހެދުމާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި ރިސޯޓް ހެދުމަށާއި ރަށަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރުތައް ހެދުމާއި މިފްކޯގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމަށް ފެށި މަސައްކަތުގެ އިތުރުން ހަންކެޑޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު އާއެކު ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކޮށްފައިހުރިކަން ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ މި ސަރުކާރުގައިވެސް ލަސްނުކުރައްވައި، މި ކަންތައްތައް ތަންފީޒު ކުރައްވާށޭ. އެއީ ފައިސާވެސް ހޯދާފައި ހުރި ޕްރޮޖެކްޓުތައް. ޕްލޭންތައް ކުރެވިފައި ހުރި ޕްރޮޖެކްޓްތައް. ދިރާސާތައް ކުރެވިފައި ހުރި ޕްރޮޖެކްޓްތައް. އެކަންކަން ނިމުމުން ހަމަގައިމުވެސް އައްޑޫ ސިޓީގައި ހަމަޖެހިގެން އައްޑޫ ސިޓީގެ ރައްޔިތުންނަށް އުޅެވޭނެ،" ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ވެރިކަމަށް އައުމަށްޓަކައި ރައީސް މުއިއްޒު ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ދޮގުތަކެއްކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް ދޮގު މައްޗަށް ދޮގު ހައްދަވަމުން ގެންދަވާ ކަމަށާއި އެކަން ހުއްޓުވައި، އެކަމާ ގުޅޭ ގޮތުން ސުވާލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.