ބ. އޭދަފުށީގައި ވަރަށް އަވަހަށް 1،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން އޭދަފުށި ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރު ވެސް މެމްބަރު އަހުމަދު ސަލީމުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މެނިފެސްޓޯގައި ފާހަގަކުރައްވާފައިވާނީ ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅުގެ އިތުރުން މެދުރާއްޖެތެރޭގެ ހަތް ރަށެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރެއްވުމަށް ކަމަށާއި އެ ހަތް ރަށުގެ ތެރޭގައި އޭދަފުށި ހިމެނޭ ކަމަށެވެ.
ރައީސް ވިދާޅުވީ އޭދަފުށި، އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައެޅުމުން، އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތްކުރައްވާނެ ކަމަށެވެ.
"ސަލީމްގެ އިސްނެގެމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތައްތައް ހިނގަމުންދާ ގޮތަށް ދާއިރުގައި ދާދި އަވަަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ ވަރަށް އަވަހަށް އޭދަފުށީގައި 1،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފަށާނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ތިބީ ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަޖިލީހަށް އިންތިހާބުކުރަން ތައްޔާރަށް ކަމަށާއި ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ އެއިރުން ކަމަށެވެ.
އޭދަފުށީގައި 1،000 ހައުސިން ޔުނިޓު ހެދުމުގެ ހެޔޮ ނަތީޖާ އެ ރަށާއި މުޅި ދާއިރާއަށް ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ ނަތީޖާ ނެރެދެވޭ ސަރުކާރެއް ގާއިމުކުރަން ކަމަށެވެ. އެހެންކަމުން ތަރައްގީގައި ބުރަކި ޖައްސާ ބަޔަކު އިންތިހާބުކޮށްފި ނަމަ، ސަރުކާރަށް ދުއްތުރާ ކުރުން މަޖިލިސް ތެރެއިން ކުރިއަށް ގެންދާނެ ކަމަށާއި އެ މަނިކުފާނު ވައުދުވެވަޑައިގަންނަވަނީ ވައުދު ފުއްދޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު