އެމަނިކުފާނަށް މުހިންމީ ނަތީޖާ ނެރެދެއްވުން ކަމަށާއި ރައްޔިތުންނަށް އޮތީ އެ ނަތީޖާ ނެރުމަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ފާހަގައެއް ޖަހާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކިނބިދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަލީ އަޝްރަގުގެ ކެމްޕޭން ހަރަކާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާޒީވެދިޔަ ތަނާ ހިލާފަށް ކުރިއަށްއޮތް ތަނުގައި ތ. އަތޮޅަކީ ތަރައްގީގެ ރާޑަރުގެ މެދަށް ގެނެވިފައި އޮތް އަތޮޅަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށާއި ރައްޔިތުން އެމަނިކުފާނާ އެއްކޮށް ކުރިއަށް ދިޔައީމާ އޮންނާނީ ނަތީޖާ ނެރެދެވިފައި ކަމަށެވެ.
"ނަތީޖާ އަޅުގަނޑަށް ހުރިހާ ވެސް އެއްޗަކީ. ހުރިހާ ދާއިރާއަކަށް ވެސް، ހުރިހާ ރަށަކަށް ވެސް އަޅުގަނޑަށް މުހިންމީ ނަތީޖާ ނެރެދިނުން. ރައްޔިތުންގެ އަތްޕުޅުގައި މިއޮތީ އެންމެ ކަމެއް ކުރަން، ފާހަގައެއް ޖަހާލުން. 93 ބޭފުޅުން، 93 މަންދޫބުން، 93 ދާއިރާއަށް ރައްޔިތުން ކުރިއަށް މިއޮތް އިންތިހާބުގައި، މީގެ ގާތްގަނޑަކަށް 17 ދުވަސް ފަހުން މި އޮންނަނީ އިންތިހާބުގައި ނުކުމެވަޑައިގެން މި ދެންނެވި ފާހަގަ ޖައްސަވަންވީ ނަތީޖާ ނެރުމަށް ޖަހާ ފާހަގައަކަށް. ރައްޔިތުންނަށް މި ލިބެނީ ކުޑަ ވަގުތުކޮޅެއް، ރައްޔިތުންގެ ކަންކަން ކުރުމުގައި ސަރުކާރަށް މި އޮންނަ ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުމެން މިގޮތުގައި ތިބިއްޔާ ރައްޔިތުންނަށް ލިބޭނީ ހެވާއި ލާބަކަން ރައްޔިތުން ގަބޫލުކުރައްވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ހަތަރު މަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުން ކުރިމަތިކުރުވަމުންދިޔަ ހުރިހާ ދަތިކަމެއްގެ ތެރެއިން ވެސް ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު މީގެ ކުރީގައި ނުކުރެވުނު، އެކަމަކު ކުރެވިދާނެ ގިނަ ކަންތައްތަކެއް މި ސަރުކާރަށް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބޮޑެތި ކަންކަމުން ގޮސް، ގައުމީ ސަލާމަތާ ގުޅޭ ކަންކަމާއި، މިނިވަންކަމާ ގުޅޭ ކަންކަމާއި، އިސްތިގުލާލާ ގުޅޭ މުހިންމު ކަންކަމާއި، އިގުތިސާދީ އަނދަވަޅުން ނަގައި މައްޗަށް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތް އަދި އިޖުތިމާއީ ގޮތުން ރައްޔިތުންނަށް މުހިންމުވެފައިވާ އެތައް ކަމެއް ކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ ނަތީޖާ. އެހެންވީމާ މި ނަތީޖާ ނޫން އެއްޗެއް ރައްޔިތުންނަށް މުހިންމެއް ނުވޭ. ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ހާލަތު ރަނގަޅުވާން، މުއްސަނދިކަން ލިބެން، ފުދުންތެރިކަން އިހުސާސްވާން، ފުދުންތެރި ދިރިއުޅުމެއް އުޅެން، އަބުރުވެރި ދިރިއުޅުމެއް ލިބިގެންދާން، ފުރާޅެއް ބޯމަތީގައި އޮންނަން، ގެދޮރުވެރިކަން ލިބިގެންދާން. މިކަންކަން އަޅުގަނޑަށް މުހިންމުވަނީ. މި ނަތީޖާ ނެރުމަށްޓަކައި އަޅުގަނޑަށް މަޖިލީހުގެ ބޭނުން މުހިންމީ. މި ނަތީޖާ ނެރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރަން ހުރި ކަންކަން އަޅުގަނޑަށް މުހިންމުވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަންކަން ކުރުމުގައި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެއްބާރުލުން ދެއްވުމަށް ކަމަށާއި ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ މިންވަރަށް، ރައްޔިތުން އެދޭ އަމާޒަށް، ރައްޔިތުން އެދޭ ހުރިހާ ކަމެއްގައި ނަތީޖާ ނެރެދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު