ހުޅުމާލެ ފޭސް ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން އިއްޔެ ބުނީ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބައިގެ ގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ހިއްކައި ނިމި، ދެވަނަ ބައިން ފަސް ހެކްޓަރު ހިއްކައި ނިމިފައިވާ ކަމަށް ބުންޏެވެ.
މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމުލަކޮށް ހިއްކުމަށް ކަނޑައަޅާފައިވަނީ 63 ހެކްޓަރެވެ.
އެ މަސައްކަތާ ގުޅޭގޮތުން އިއްޔެ މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށާއި ކަަމަށާއި ބާރު ސްޕީޑުގައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މިއަދު މި ކުރެވޭ މަސައްކަތުގެ އަލީގައި ކުރިއަށްއޮތް ތަނުގައި ވަރަށް ފުޅާކޮށް މިކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ. މި މަސައްކަތް ކުރިއަށްދާއިރުގައި ސޭންޑް ސާޗްގެ މަސައްކަތްވެސް އެބަ ކުރިއަށްގެންދެވޭ. ސޭންޑް ހުރިވަރަކުން މަސައްކަތް ކުރިއަށްގެންދާނަން. ގަބޫލުކުރެވޭ ގޮތުގައި ގާތްގަޑަކަށް ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު ހަފުތާއަށް ވެލި އެޅޭ ވަރަށް ސޭންޑް ލިބިގެން މަސައްކަތް ފެށީ. އެހެންވީމަ ދެން ހުރި ބައިބައި ނުވަތަ ހުޅުމާލެ ފޭސް 3ގެ ދެންހުރި ބަޔަށް ވެލި އެޅޭވަރަށް ވެލި ލިބުމުން އިތުރަށް މަސައްކަތް ނުހުއްޓި ކުރިއަށްދާނެ،" ފަޒުލް ވިދާޅުވިއެވެ.
އެޗްޑީސީން ބުނީ ބިން ހިއްކާ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތަކެއް ނަގައިދިނުމަށް އެދޭ ކަމަށާއި އެ ސަރަހައްދުން ނަގާ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު