އިދިކޮޅުން ވާހަކަތައް އުފަންކުރަނީ ސަރުކާރުގެ މަސައްކަތަށް ދޭނެ ޖަވާބެއް ނެތިގެން ކަމަށާއި އެމަނިކުފާނަކީ ދޮގު ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ވަނީ، ރައީސް އިތުރުފުޅު ހައްދަވާކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަދައްކާތީ އެކަމާ ގުޅޭގޮތުން ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެކި ފޯރަމްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކާއި މީޑިއާތަކަށް ދޭ ހުރިހާ ޖަވާބެއް ވެސް ލިޔުމުން ރެކޯޑުކުރެވެމުންދާ ކަމަށާއި އެ ހުރިހާ ވާހަކައެއް ސާފުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެކަމުގެ ކިތާބީ ހެކި އެ ހުރީ ފެންނަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިވާ ގޮތަކީ އިދިކޮޅު ފަރާތްތަކަށް މި ސަރުކާރުން ކުރިއަށްގެންދާ ކަންކަމަށް ދޭނެ ޖަވާބު ނެތީމަ އެ ބޭފުޅުން އަމިއްލަފުޅަށް އިތުރުފުޅު ހައްދަވަނީ. ވާހަކަ އުފައްދަވަނީ، ވާހަކަ އުފަންކުރައްވަނީ. ތިބޭފުޅުންނަށް ފާހަގަކުރެއްވޭނެ އަޅުގަނޑު ކެމްޕޭން ތެރޭގައި ދެއްކި ހުރިހާ ވާހަކަތަކެއް އެ ހުރީ ލިޔެފައި ފޮތެއް ގޮތުގައި. އޭގައި އަޅުގަނޑަށް ކޮން އެއްޗެއްތޯ އޮޅުވާލެވޭނީ. އަޅުގަނޑު މިވެނި ރަށެއްގައި، ނޫނީ ރާއްޖެއަށް ޝާމިލުވާ ކަމެއްގައިވިޔަސް ދެއްކި ވާހަކައެއް ވިއްޔާ އެ އޮތީ ފެންނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާ އެއްވެސް ކަމެއް ސިއްރު ނުކުރައްވާނެ ކަމަށާއި އެމަނިކުފާނު ދައްކަވާ ވާހަކަފުޅެއް ވިއްޔާ ދައްކަވަނީ އިހުލާސްތެރިކަމާއެކީގައި ހިތުގެ އަޑިން ކަމަށެވެ. އަދި ވާހަކަދައްކަވަނީ އެމަނިކުފާނުގެ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ ފުރިހަމައަށް ސަރުކާރުން އެކަންކަން ކުރުމުގެ ނިޔަތުގައި، އެ މަސައްކަތް އެގޮތަށް ކުރުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެގޮތަށް ކުރިއަށްދާ އިރުގައި، އިދިކޮޅު ފަރާތްތަކުން ވާހަކަތައް މި އޮޅުވާލަނީ. ކޭސް ބައި ކޭސް ކޮންމެ ކަމެއް ބެއްލެވިޔަސް ފެނިވަޑައިގަންނަވާނެ މިގޮތަކަށް އޮތީ. ކޮންމެ މައުލޫއެއް ނަންގަވައިގެން ބެއްލެވިޔަސް ފެނިވަޑައިގަންނަވާނީ އެބޭފުޅުން އެއަށް އަމިއްލަ ނެރޭޝަނެއް ގެންނަނީ، އަމިއްލަ ވާހަކަތަކެއް އެއަށް ގެންނަނީ. ނޫނިއްޔާ އަމިއްލައަށް ވާހަކަތަކެއް އުފަންކުރަނީ. އުފަންކޮށްފައި އަޅުގަނޑު ދެއްކި ވާހަކައެއް މިވެނި ގޮތަކަށް އަޅުގަނޑު ބަދަލުކޮށްފި ކަމަށް ދޭހަކޮށްދިނުމަށް މަސައްކަތްކުރަނީ. އެއީ އެކަން އެ ހިނގާ ގޮތަކީ. އެހެންވީމާ އަޅުގަނޑަކީ ކަމެއް އޮޅުވާލައި، ދޮގު ހަދައިގެން ރައްޔިތުންނަށް ކަންކަމުގައި ދެރަދޭނެ މީހެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްކުރައްވަނީ އިހުލާސްތެރިކަމާއެކީ، ތެދުވެރިކަމާއެކީ، އަމާނާތްތެރިކަމާއެކީގައި ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް ކަމަށާއި އެހެންކަމުން ތަނަކުން ވާހަކައެއް އިވުނަސް، އަމިއްލައަށް އެކަން ވެރިފައިކޮށް، ތެދު ދޮގު ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެންމެންނަކީ ވެސް ތެދުބަހުން ވާހަކަދައްކާ މީހުންނަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންނަކީ ވެސް ތެދުބަސް ގަބޫލުކުރާ މީހުންނަށް ވާންވީ. ކޮންމެ ތަނަކުން އިވުނަސް އެ ވާހަކައަކީ ކިތަންމެ މަތީ މަގާމެއްގައި ކުރިން އުޅުއްވި ބޭފުޅަކު ދެއްކި ވާހަކައަކަށް ވިޔަސް، އަދި މިހާރު މަގާމެއްގައި ހުރި ބޭފުޅަކު ދައްކާ ވާހަކައެއް ކަމަށްވިޔަސް، އެ ވާހަކައެއް އެއީ ކޮންމެހެން ވަގުތުން ގަބޫލުކުރާ ވާހަކައަކަށް ވެގެން ނުވާނެ. އަމިއްލައަށް އެނަލައިސްކޮށްލައްވާ، އަޅުގަނޑު ދެއްކި ވާހަކަތައް އެ ހުރީ ލިޔުމުން ފެންނަން. އެހެންވީމާ އަޅުގަނޑު ވަރަށް ސާބިތުކަމާއެކީ މި ދަންނަވަނީ އަޅުގަނޑު ދޮގެއް ހަދައި، ކަމެއް އޮޅުވައެއް ނުލާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އިދިކޮޅު އެމްޑީޕީން ގެންދަނީ ސަރުކާރަށް އަމާޒުކޮށް ބަހުގެ ގިނަ ހަމަލާތަކެއް އަމާޒުކޮށް، ސަރުކާރުން ކަންކަން އޮޅުވާލަމުންދާ ކަމަށް ތުހުމަތުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަންކަން ދޮގުކޮށް، ކުރީ ސަރުކާރުން ނިންމާފައިވާ ގޯސް ނިންމުންތަކާއި، އެކަންކަމުގެ ސަބަބުން އިގުތިސާދަށް ލިބިފައިވާ ގެއްލުންތަކުގެ ވާހަކަ ދައްކަމުންނެވެ.