ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމްޑީޕީގެ އިގުތިސާދީ ސިޔާސަތަށް ނޫނެކޭ ބުނެގެން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ލަމްއާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މާލީ ސިޔާސަތު ހަރުދަނާވާނެ ކަމަށާއި މުސްތަގުބަލަށް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން ކަމަށެވެ.

"ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމްޑީޕީގެ ދޯހަޅި އިގުތިސާދީ ސިޔާސަތަށް ނޫނެކޭ ބުނެގެން. މި ސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު. ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާއެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީންނެވެ. އެ ޕާޓީން 89 ކެންޑިޑޭޓަކު ވާދަކުރާ އިރު، އިދިކޮޅު އެމްޑީޕީން 82 ކެންޑިޑޭޓަކު ވާދަކުރެއެވެ. ދެން ހިމެނެނީ ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ 10 ކެންޑިޑޭޓަކާއި އަދާލަތު ޕާޓީގެ ހަތަރު ކެންޑިޑޭޓަކާއި އެމްޑީއޭގެ ހަތަރު ކެންޑިޑޭޓަކާއި އެމްއެންފީގެ ދެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންންނެވެ.

ސިޔާސީ ޕާޓީތަކުން މަޖިލިސް އިންތިހާބަށް ވާދަކުރާ ޖުމުލަ ކެންޑިޑޭޓުންގެ އަދަދަކީ 238 އެވެ. އެއީ 22 އަންހެން ކެންޑިޑޭޓުންނާއި 216 ފިރިހެން ކެންޑިޑޭޓުންނެވެ. އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަނީ 20 އަންހެން ކެންޑިޑޭޓުންނާއި 110 ފިރިހެން ކެންޑިޑޭޓުންނެވެ.