އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ސިޓީން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ލުޓޮން ޓައުން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއްވަނައިގައި އޮތް އާސެނަލުން ފަސޭހަ މޮޅެއް ހޯދި އިރު، ތިންވަނައިގައި އޮތް ސިޓީން ރޭ އެސްޓަން ބިލާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ލީގުގެ އެއްވަނައިގައި އޮތް އާސެނަލަށް 30 މެޗުން 68 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް ސިޓީއަށް ވަނީ 67 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލުން 29 މެޗު ކުޅެފައިވާ އިރު، ސިޓީ ވަނީ 30 މެޗު ކުޅެފައެވެ. ލިވަޕޫލުން މިރޭ ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ އަލުން އެޓީމު އެއްވަނައަށް އަރާނެއެވެ.

އަނިޔާގެ ސަބަބުން ބުކާޔޯ ސަކާ ސްކޮޑުގައިވެސް ނުހިމަނައި ރޭ އާސެނަލުން ނުކުތް އިރު، މެޗުގެ 24 ވަނަ މިނެޓްގައި ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑެވެ. ކައި ހަވާޓްޒް ދިން ބޯޅައަކުން އޮޑެގާޑް ޖެހި ގޯލަކީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 30 ވަނަ ގޯލެވެ.

އެ ގޯލާއެކު ހިތްވަރު ހޯދި އާސެނަލުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ލީޑު ފުޅާވެސް ކުރިއެވެ. އެގޯލަކީ އެސްޓަން ވިލާގެ ޑައިކީ ޔޯޝެއޯކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެމީލް ސްމިތު ރޯވް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލުޓާންގެ ޖަޕާން ޑިފެންޑަރު ޔަޝެއޯކާ ފައިގައި ޖެހި ބޯޅަ ވަނީ ބައިކޮޅަށެވެ.

ސިޓީން ރޭ ކުޅުނު މެޗުގައި އިންގްލެންޑްގެ ފިލް ފޮޑެން ހެޓްރިކް ފުރިހަމަ ކުރިއެވެ. ސިޓީން ރޮޑްރީ ޖެހި ގޯލުން ލީޑު ނެގި އިރު، ހާފު ނިމުމުގެ ކުރިން ދެވަނަ ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ފޮޑެންއެވެ.

ފޮޑެން މެޗުގައި ޖެހި އަނެއް ދެ ގޯލު ފެނުނީ ދެވަނަ ހާފުގައެވެ. ކައިރި ކައިރީގައި ފެނިގެން ދިޔަ ދެ ގޯލު ފޮޑެން ޖެހީ 62 އަދި 69 ވަނަ މިނެޓުގައެވެ. ރޭގެ ހެޓްރިކަކީ މި ސީޒަނުގެ ލީގުގައި ފޮޑެން ފުރިހަމަ ކުރި ދެވަނަ ހެޓްރިކެވެ.