ރަށްރަށް އަންނަން ހުރި ތަރައްގީގައި ކޮޅުފައިން ޖަހާނެ ބަޔަކު ރައްޔިތުން މަޖިލީހަށް އިންތިހާބު ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޔަޒްމީދު މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލނގިލި ދާއިރާގެ ތަރައްގީއަށް އެ މަނިކުފާނު ވަނީ ވައުދުތަކެއްވެވަޑައިގެންފައި ކަމަށެވެ. އެގޮތުން ވިލިނގިލީގެ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގައި ސަރުކާރުން މިހާރު ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތެރޭ އޮންނަވީ އެ އާޔަތްތަކުން ދޭ އިރުޝާދުގެ ރޫހު. އެކުވެރިކަން، އެއްބައިވަންތަކަން، ހެޔޮ ކަންކަމުގައި އެކަތި ގަނޑަކަށްވުމުގެ އާދަކާދަ. ހެޔޮކަމަކަށް މިވަނީ ފާޅުގައި ފެންނާން ހުރި ކަންކަމުގައި ރައްޔިތުންނަށް މިކަމުގެ އޮތީ ހެޔޮ ކަންކަން އެނގޭ ކަންކަމުގައި އަތުގަ ހިފުން އެންމެ އެކަތިގަނޑަކަށްވެގެން. ރަށަށް އޮތީ ތަރައްގީ އައިސް ކުރިމަތީގައި. އޭގަ ކޮޅުފައިންޖަހައި ދޫކޮށްލައި ފަސް އަހަރު ބޭކާރުކޮށްލުން ނުވާނެ ހެޔޮ ކަމަކަށް. އެންމެން އެކަތިގަނޑަކަށްވާންވީ މިހާރު. މިވޭތުވެދިޔަތަން ދޫކޮށްލަވާ. މިދިޔަ ދެތިން ހަތަރު މަސް ދޫކޮށްލަވާ ހިޔާލުތަފާތުވުމުގެ ދިޔަ ދުވަސްތައް،" ރައީސް ވިދާޅުވިއެވެ.
އިންޓަނޭޝަނަލް އެއާޕޯޓަށްފަހު، އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްގީ އާއި އެހެނިހެން ދާއިރާގެ ތަރައްގީ ގެނެވޭނެ ކަމަށެވެ. މަޖިލިސް ނުލިބި އެކަންކަން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަޝްރޫއުތަކަށް ބަޖެޓް ފާސްކޮށްދެނީ ސަރުކާރުން ކަމަށާއި ލޯނު ނެގުމާއި އެކިކަހަލަ އެއްބަސްވުންތައް ހެދުމުގައި މަޖިލީހުން ބޮޑު ރޯލެއް އަދާކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ކުރިއެރުން ހޯދައިދޭން ސަރުކާރުން ބޭނުންވިޔަސް ގާނޫނު އޮތްގޮތުން މަޖިލީހުގެ އެއްބާރުލުން ނެތި އެކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ވިލިނގިލިއަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ތާއީދާއެކު ވާދަކުރައްވާ ކެންޑިޑޭޓު މަޖިލީހަށް އިންތިހާބުކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ ނަތީޖާ ނެރެވޭނެ ސަރުކާރެއް ގާއިމުކުރަން ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އެންމެ ރެއެއްވެސް ބޭކާރުކޮށްލަން ބޭނުންފުޅުނުވާ ކަމަށެވެ. އެހެންކަމުން އަހަރުތަކެއް ބޭކާރުވެގެންދާނެ ގޮތަކަށް މަޖިލީހަށް ބަޔަކު އިންތިހާބު ކޮށްގެންނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު