އިނގިރޭސި ޕްރިމިއާ ލީގު ހޯދަން މިވަގުތު ފެވަރިޓުންނަކީ ލިވަޕޫލް ކަމަށް ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕްރިމިއާ ލީގުގެ ތަށީގެ ރޭހުގައި އާދީއްތަ ދުވަހުގެ ރޭ މުހިއްމު ދެ މެޗެއް ކުޅެފައިވެއެވެ. އަމިއްލަ ދަނޑުގައި އެރޭ ލިވަޕޫލުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށް، ލީގު ތާވަލުގެ އެއްވަނައަށް ވަނީ ޖެހިލައިފައެވެ. އެއީ 29 މެޗުން 67 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް އާސެނަލް އާއި ތިންވަނައިގައި އޮތް ސިޓީ ލީގުގައި ކުރިމަތިލި މެޗު އެއްވަރުވުމާއެކު، އާސެނަލް ދެވަނައިގައި އޮތީ 29 މެޗުން 65 ޕޮއިންޓާ އެކުގައެވެ.

މިވަގުތު ލީގު ތާވަލުގެ ގަދަ ތިނެއްވެސް ތަށްޓަށް ވާދަކުރަމުންދާ އިރު، މިވަގުތު ތިން ޓީމަށްވެސް ބާކީ އޮތީ ހަތް މެޗެކެވެ. އެހެންކަމުން އަމިއްލަ ބާރުގައި ތަށި ހޯދަން އެންމެ ބޮޑު ފުރުސަތެއް އޮތީ ލިވަޕޫލަށެވެ.

"މިވަގުތު އެންމެ ބޮޑު ފުރުސަތެއް އޮތީ ލިވަޕޫލަށް. އެއީ ވަރަށް ސިމްޕަލް ޖަވާބެއް. ލިވަޕޫލަކީ ފެވަރިޓުން. އެޓީމަށް އަމިއްލަ ބާރުގައި ލީގު ނަގަން ފުރުސަތު އޮތުމަކީ އެންމެ ބޮޑު ހިތްވަރު. ތަށީގެ ރޭހުގައި ލިވަޕޫލް ގޯހެއް ހަދާނެ ވަގުތަކަށް ބަލަން ދެން އަނެއް ޓީމުތައް ޖެހޭނީ،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

ސިޓީން މިދިޔަ ސީޒަނުގައި ތިން ތަށި ނަގާފައިވާ އިރު، މި ސީޒަނުގައިވެސް އެ ކާމިޔާބީ ތަކުރާރުކުރަން ފުރުސަތު ސިޓީއަށް އެބައޮތެވެ.