އެއް ދާއިރާއަކަށް ވާދަކުރާ ޕީއެންސީގެ މެންބަރުން ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްމާސްކުރައްވައިފިއެވެ.

ގަމު ދާއިރާގެ ކެމްޕޭން އޮފީސް ހުޅުވުމަށް މާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ދާއިރާތަކުން ފެންނަނީ ޕްރައިމަރީގައި ވަކި ގޮތަކަށް ނިމުނީމަ، ނުވަތަ ސަރުކާރުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުން އަމިއްލަ މަސްލަހަތު އިސްކޮށްގެން އިންތިހާބަށް ނުކުންނަ ތަން ކަމަށާއި ވަރަށް ފަސޭހައިން ކާމިޔާބުކުރެވޭނެ ބައެއް ދާއިރާތަކުގައި މިކަން ފެންނާތީ ހިތާމަކުރައްވާ ކަމަށެވެ.

"އޭގެ ސަބަބުން ފަސޭހަކަމާއެކު އެ ގޮނޑި ގޭއްލޭނެ، ގެއްލޭ ތަން އެބަފެނޭ. މިކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންގެ ކިބައިން، ލޮބުވެތި މެންބަރުންގެ ކިބައިން. މަދު ދާއިރާތަކެއްގައި ނަމަވެސް، އެ މަދު ދާއިރާތަކަކީ އަޅުގަނޑުމެންނަށް އެންމެ ވަރުގަދަކޮށް ހުރި ބައެއް ދާއިރާތައްވީމަ މި ވާހަކަ މި ދަންނަވަނީ. އެހެން އެކަން ކުރެއްވީމަ ވޯޓު ބައިބައިވަނީ، އަޅުގަނޑުމެންގެ ތެރޭގައި. ބައިބައިވީމަ ދެން އެމްޑީޕީއަށް ނޫނިއްޔާ އެހެން ޕާޓީއަކަށް އެ ގޮނޑި އެ ކާމިޔާބުވަނީ. އެހެން އެކަން ނުކުރެއްވުމަށް އަޅުގަނޑު ތަކުރާރުކޮށް އަޅުގަނޑުމެންގެ މެންބަރުންގެ ކިބައިން އެދެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބަށް ބާކީ އޮތް 20 ދުވަހަކީ އެކަން ހައްލުކުރުމަށް އަދި މާ މަދު ދުވަސްކޮޅެއް ނޫން ކަމަށާއި އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު ފަހަތަށް ޖައްސާލަން ޖެހޭ ކަމަށެވެ. އަދި ގައުމު ކުރިއަށް ނެރި، އެންމެ ފުރަތަމަ ގައުމު އިސްކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގައުމު އިސްނުކޮށް މިއަދު އަޅުގަނޑުމެން އަމިއްލަ މަސްލަހަތު އިސްކޮށްގެން އަޅުގަނޑުމެންނަށް ވާނެ ކާމިޔާބެއް، ލިބޭނެ ކުރިއެރުމެއް އެބައޮތްތޯ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން މަދުން ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގެ ބައެއް ބޭފުޅުން މިއަދު އެމްޑީޕީއާ އެބަ ބައިއަތު ހިފާ، އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ދާއިރާގެ ގޮނޑިއަށް ގެއްލުންވާ ގޮތަށް. މިއީ ސައްހަކޮށް އަޅުގަނޑާ ހަމައަށް ލިބިފައި ހުރި މައުލޫމާތުވީމަ، ހިތާމައާއެކު މިކަން ފާހަގަކުރަން. މިކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އެކަން ކުރެއްވީމަ މިދިޔަ ފަސް އަހަރު ގައުމު ދިޔަ މިސްރާބަށް ގައުމު ދާތަން ދެކެންތޯ އަޅުގަނޑުމެން ބޭނުންވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންކަން އިސްލާހުކުރުމަށް ދިވެހިންގެ ރާއްޖެއަށް ދިއުމަށް ނިންމުމަށްފަހު އަނެއްކާ އިދިކޮޅު ޕާޓީއާއެކުގައި އަމިއްލަ މަސްލަހަތު އިސްކޮށްގެން ބައިވެރިވުމަކީ ދެރަ ކަމެއް ކަމަށާއި މައްސަލަ ޖެހިގެން އުޅެނީ ޕީޕީއެމް/ޕީއެންސީގެ ތެރެއިން ބައެއް މަދު ދާއިރާތަކެއްގައި ކަމަށެވެ. އަދި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓުންނާ އެކީގައި ކުރިއަށް ދިއުމަކީ މިއަދު ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ މާތް ކަންތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަން ކޮށްދެއްވުމުގައި އަޅުގަނޑު މި އެދޭ ގޮތަށް އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން ގައުމީ މަސްލަހަތު އިސްކޮށްދެއްވުމަކީ މިއަދު ސަރުކާރަށް ވެސް އެބޭފުޅުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަންތައް. އަޅުގަނޑުމެންގެ މެންބަރުންގެ ކިބައިން ވެސް އެދެން މިކަމުގައި އިސްކޮށް އުޅޭ ބޭފުޅުން މިކަމުގައި ދޫނުދީ ކުރިއަށްދަންޏާ އެބޭފުޅުން ދޫކޮށްލައްވާފައި ތިބޭފުޅުން ސަރުކާރާ އެއް ސަފަކަށް އަރައިގެން ކުރިއަށް ވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވިއެވެ.