ފ. ނިލަންދޫގައި އެއާޕޯޓް އަޅަން މި ސަރުކާރުން ނިންމީ، އެ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ވާދަކުރައްވާތީ ނޫން ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މިއަދު ބުނެފިއެވެ.

ނިލަންދޫގައި އެއާޕޯޓް އެޅުމަށް މި ސަރުކާރުގައި ނިންމީ މިދިޔަ ޖެނުއަރީ މަހުއެވެ. ނަމަވެސް އޭރު އެ ރަށާއި ދިހަ ވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި އޮތް މަގޫދޫގައި ކުރީ ސަރުކާރުން ވަނީ އެއާޕޯޓް އަޅަން ފަށައިފައެވެ. މަގޫދޫ އެއާޕޯޓުގެ ބިން ހިއްކުމާއި ބޮޑު ބައި އޮތީ ނިމިފައެވެ.

މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓާލާފައިވާ ކަމަށްބުނެ އެ ރަށުގެ ރައްޔިތުން ވަނީ މުޒާހަރާތައް ފަށައިފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ރައީސް މުއިއްޒުގެ ކޮއްކޮ ސައުދާއަށް އިންތިހާބު ކާމިޔާބުކޮށްދޭން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިލަންދޫ އެއާޕޯޓު މަޝްރޫއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން، އެ ޕާޓީގެ މަޖިލިސް ކެމްޕެއިން ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ އެކަން ދޮގު ކުރައްވައިފައެވެ.

"ރައީސް މުއިއްޒުގެ ކޮއްކޯފުޅު އިންތިހާބުގައި ވާދަކުރާތީ، ވަކި ރައީސް މުއިއްޒު އެކަހަލަ ކަންކަމެއް ނުނިންމަވާނެ،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރައީސް ކަންކަން ނިންމަވަނީ ރައްޔިތުންނަށް އޭގެ ލާބަ އާއި މަންފާ އެންމެ ބޮޑަށް ލިބޭނެ ގޮތަކީ ކޮބައިތޯ ބައްލަވާފައި ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްގެންދަނީ ގުޅުން ހުރި ފަރާތްތަކާއެކު ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކަމަށް ވިދާޅުވިއެވެ.

މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓާލާފައިވާކަމުގެ އަޑުތައް ގަދަވެފައިވާ އިރު، ހީނާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދިއުމަށް ކަމަށެވެ.