އެމަނިކުފާނު މިނިވަން ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީ ލީޑަރުން އެއްވެސް އިރަކު ބޭނުންފުޅު ނުވާ ކަމަށާއި މިހާރުވެސް އެމަނިކުފާނުގެ ޝަރީއަތްތައް ލަސްކުރަނީ ސަރުކާރުގެ މަތީ ފަޑިން އަތް ބާނައިގެން ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ މަނިކުފާނުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ މެންބަރުން މަގުމަތި ކުރަން މަސައްކަތް ކުރައްވާފައިނުވާނެ ކަމަށާއި ހަގީގަތް އޮޅުވާލަން ޕީއެންސީގެ ލީޑަރުން ދަނީ ވާހަކަ ދައްކަވަމުން ކަމަށެވެ.

"އަޅުގަނޑުގެ މައްސަލަ އަޅުގަނޑަށް ކުރިމަތިނުލެވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރީން ޕީޕީއެމް ޕީއެންސީން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ހުންނާނީ ދައްކާފައި. އެހެންވީމަ ކޮން ވާހަކައެއް މި ދައްކަނީ މަގުމަތިވާ ވާހަކަ. އެ އުޅެނީ ކޮން ހަނދާނެއް ބަލިވެގެން ކޯންޗެއް އޮޅުވާންތޯ އެއުޅެނީ،" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނަކީ ކުރިއަށް ކަންކަން ވެދާނެ ގޮތަކާމެދު ވިސްނާ ގޮތް ނިންމަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ސުޕްރީމް ކޯޓުން ގޮތް ނިންމާ އިރު، އިންތިހާބަށް ވަރަށް ވަގުތު ކުޑަތަންވެފައި އޮންނާނެތީވެ، ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އެންގެވީ އެމަނިކުފާނު ކަމަށެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމުން ކެންޑިޑޭޓަކު ނުދެއްކެވީ، ކޯޓުން މާ ފަސޭހައިން މައްސަލަ ނިންމަވާނެތީ ކަމަށެވެ. އެހެންވެ، ޕީޕީއެމުން ޕީއެންސީއަށް ބަދަލުވާނެ ލީޑަރަކު ބަދަލުވެފައި އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅަން ނޯޓަކުން ދެންނެވި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރަން އުޅުއްވީ އެމަނިކުފާނު ކަމަށް މިއަދު ވިދާޅުވާ އިރު، އިންތިހާބު ބޮއިކޮޓް ކުރަން އެންމެ ފުރަތަމަ ގޮވީވެސް މިއަދު ސަރުކާރުގެ އިސް ފަރާތްތަކާއި އެއިރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެމަނިކުފާނަށް ވާދަނުކުރެއްވޭ ގޮތަށް ބާއްވާ އިންތިހާބެއްގައި ބައިވެރިނުވާނެ ކަމަށާއި މަގުމައްޗަށް ނުކުމެވެސް ހުއްޓުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ވެރީން ވަރަށް ގިނަ ފަހަރު ވާހަކަދައްކަވާފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"[އިންތިހާބު ބޮއިކޮޓް ކުރަން ފޮނުވީ] ހިޔާލަކަށް، އެއީ އެހާވަރަށް ޕީއެންސީގެ ބޭފުޅުން ރައީސް ޔާމީނަށް ބައިވެރިނުވެވޭނަމަ އިންތިހާބު ބޮއިކޮޓް ކުރާނަމޭ ގޮވާތީ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަދިވެސް ގަބޫލުކުރައްވަނީ އެމަނިކުފާނަށް ވާދަ ނުކުރެއްވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށެވެ. އެމަނިކުފާނު މިނިވަން ކުރުމަށް އަދި އިންތިހާބު ބޮއިކޮޓުކުރުމަށް ރަނގަޅަށް މަގުމަތީ އިހުތިޖާޖު ގެންދެވުނު ނަމަ، އެކަން ރިވިއު އަކަށް ގެންދެވުނީސް ކަމަށް ވެސް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލަށް ލުމުން މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އާރެއް ނެތް ކަމަށާއި އެ މުޒާހަރާއަށް ނުނިކުންނަ ބައެއް ލީޑަރުން ވެސް އެބަތިއްބެވި ކަމަށެވެ. އެކަމަށް ޝަރުތުކޮށް ދެ ޕާޓީގެ ލީޑަރުން އެކި މީހުންނަށް ކަންކަން ކޮށްްދީފައިވާ ކަމަށް ވިދާޅުވެ ވަރުގަދަ އިހުތިޖާޖުތަކެެއް ކުރިއަށް ގެންދަން އެ ބޭފުޅުން އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މުޒާހަރާތަކަށް ޕީޕީއެމް/ޕީއެންސީގެ މީހުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެވޭ. ޕީޕީއެމް ޕީއެންސީގައިވެސް ކުރިއަށްދާން ބޭނުންވާނެ މީހުން ތިބޭނެ. އަޅުގަނޑުގެ މައްސަލައެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުގެ މައްސަލައަކީ އަޅުގަނޑު ޖަލުގައި ބާއްވައިގެން އެކަން ކުރަން ނިންމާތީ. އޭގެ ބަދަލުގައި އަޅުގަނޑު މިނިވަންކޮށް ބަހައްޓާފައި އަޅުގަނޑާ ވާހަކަދައްވައިގެން ވާދަވެރި އިންތިހާބަކުން އެމީހުންވެސް ހޮވެންވީ ނޫންތޯ. އެހެންވީމަ އަޅުގަނޑަށް މި ވިސްނެނީ އެކަކުވެސް އެތާކު ބޭނުމެއް ނުވޭ ވެރިގެން ތެރެއިން އަޅުގަނޑުވީއްލޭކަށް، މިނިވަންވާކަށް ބޭނުންވާ މީހުންނެއް ނޫނޭ އެތާންގަައި ތިބީއެއް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ގޭގެއަށް ވަޑައިގަތުމުން، އެ މަނިކުފާނު މިނިވަން ކުރަން ކުރެއްވި ވައުދު ނުފުއްދަވާ ކަމަށް އާންމުން ސުވާލު ކުރައްވާ ކަމަށެވެ. އެ ސުވާލަށް ރައީސް މުއިއްޒު ދެއްވާ ޖަވާބަކީ "ތިމަންނަން ހާދަ މަސައްކަތެއް އެކަމުގައި ކުރަމޭ" ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފައި ހުރި ގޮތުން ވެއްޖިއްޔާ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ،" ޔާމީން ވިދާޅުވިއެވެ.