ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯ ބިލްބާއޯ ބަލިކޮށް، ރެއާލް މެޑްރިޑުން ލީގު ތަށި ނެގުމާ ގާތަށް ޖެހިލައިފިއެވެ.

ރެއާލްއިން ރޭ އަމިއްލަ ދަނޑުގައި ބިލްބާއޯގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު ރެއާލް އެއްވަނައިގައި އޮތީ 30 މެޗުން 75 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ބާސެލޯނާ 30 މެޗުން 67 ޕޮއިންޓާއެކު އޮތް އިރު، ރޭގެ މެޗުން ބަލިވި ބިލްބާއޯ އޮތީ ހަތަރު ވަނައިގައެވެ. އެއީ 30 މެޗުން 56 ޕޮއިންޓާއެކުގައެވެ.

ސަސްޕެންޝަނަށްފަހު ޖޫޑް ބެލިންހަމް ރޭ ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، ރެއާލް ވަނީ އަށް ވަނަ މިނެޓުގައި ލީޑު ނަގައިގައެވެ. ރޮޑްރީގޯ ދުރުން ފޮނުވާލި ބޯޅައިން ރެއާލުން ލީޑު ނަގައި މެޗުގެ ކޮންޓްރޯލް ހޯދި އިރު. ދެވަނަ ހާފުގައި އިތުރު ހަމަލާތައްވެސް އުފެއްދިއެވެ.

ފެޑެރީކޯ ވަލްވާޑޭގެ ހަމަލާ ބިލްބާއޯގެ ގޯލްކީޕަރު ޖުލެން އަގިރެޒަބާލާ މަތަކުރި އިރު، ބްރަހީމް ޑިއާޒް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވިއެވެ. އަދި ކޯނަރަކަށް އަރައި އޮރެލިއަން ޗުއެމެނީ ބޮލުން ޖެހި ބޯޅަ ބޭރަށް ދިޔައީ ކުޑަ ތަންކޮޅަކުންނެވެ.

ރެއާލްއިން މެޗުގައި ޖެހި ދެވަނަ ގޯލު، 73 ވަނަ މިނެޓުގައި ޖެހީވެސް ރޮޑްރީގޯއެވެ. އޭނާ ގޯލު ޖެހީ ބެލިންހަމް ތަނަވަސްކޮށްދިން ބޯޅައަކުންނެވެ. ރޭގެ މެޗުގައި ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ކުޅުމެއް ނުކުމެފައިވާ އިރު، އޭނާ ރޭގެ މެޗަށް ނުކުތީ ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ. ރޭގެ ކުރިން މިލިޓާއޯ އެންމެފަހުން ކުޅެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓްގައެވެ.

ރެއާލްއިން ދެން ކުޅޭ މެޗަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.