ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ލަސް ޕާމާސް ކައިރިން މޮޅުވެ، އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ފަރަގު ކުޑަކޮށްފިއެވެ.
އެންމެފަހުގެ ލީގު ޗެމްޕިއަން ބާސާއިން ތަށި ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތުގައި ރޭ އަމިއްލަ ދަނޑުގައި ލަސް ޕާމާސް ބަލިކުރީ 1-0 އިން ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅުގައި ލަސް ޕާމާސްގެ ކީޕަރަށް ދެއްކި ރަތްކާޑާ އެކު ބާސާއަށް މެޗު ފަސޭހަވާނެ ކަމަށް ބެލުވުނު ނަމަވެސް، މޮޅެއް ހޯދަން އެޓީމަށް ވަނީ އުނދަގޫތަކެއް ދިމާވެފައެވެ.
ރޭގެ ނަތީޖާއާ އެކު ބާސާ ލީގު ތާވަލުގެ ދެވަނައިގައި މިވަގުތު އޮތީ 30 މެޗުން 67 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 29 މެޗުން 72 ޕޮއިންޓް ލިބިފައިވާ އިރު، ލީގުގައި ބާކީ މަދު މެޗުތަކެއް އޮތުމާ އެކު ބާސާއަށް އޮތީ ކުޑަ އުންމީދެކެވެ.
ބާސާ އާއި ލަސް ޕާމާސް ރޭ ކުޅުނު މެޗުގެ 26 ވަނަ މިނެޓުގައި، ލަސް ޕާމާސްގެ ކީޕަރު އަލްވާރޯ ވަލޭސްއަށް ދެއްކި ރަތްކާޑާ އެކު އެޓީމުން މެޗުގެ ބާކީބައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. މި ސީޒަނުގެ މިހާތަނަށް ވަލޭސް، ލަސް ޕާމާސްއަށް މުހިއްމު ކުޅުމެއް ދައްކަމުން ގޮސްފައިވާ އިރު، ރޭ އޭނާއަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން ރަފީނިއާއަށް ކުރި ފައުލަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފަށް ބާސާއިން ވަނީ ޖާއޯ ފެލިކްސް ކުޅެން ނެރެފައެވެ. އޭނާ ކުޅެން ނުކުތުމާ އެކު ލަސް ޕާމާސްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 54 ވަނަ މިނެޓުގައި ފެލިކްސް ދުއްވާލި ޕާހަކުން ރަފީނިއާ ބާސާއަށް ލީޑު ނަގައިދިނެވެ.
ބާސާގެ ވާދަވެރި ރެއާލްއިން މިރޭ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ނުކުންނަ އިރު، މޮޅަކާ އެކު އަނެއްކާވެސް އަށް ޕޮއިންޓްގެ ލީޑެއް ހޯދުމަށް ފުރުސަތު އެބައޮތެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ