ގުޅިފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ މަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މުސްތަފާ އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގްރޭޓާ މާލޭގެ ޑިވެލޮޕްމެންޓް ޕްލޭން ތައްޔާރުކުރި އިރު، ތަޖުރިބާކާރުން ބުނެފައިވަނީ ގުޅިފަޅުގެ ފަޅަކީ ޕޯޓެއް ހެދުމަށް އެކަށީގެންވާ ފަޅެއް ނޫން ކަމަށެވެ. ދެމެހެއްޓެނެވި އަދި ދުރުމުސްތަގުބަލަށް ފައިދާކުރާނެ ޕޯޓެއް ހެދޭނީ ތިލަފުށީގައި ކަމަށް ތަޖުރިބާކާރުން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ކުރީ ސަރުކާރުން ގުޅިފަޅު މަޝްރޫއު ކުރިއަށް ގެންދިޔައީ އެތަނުގައި ބައިނަލްއަގުވާމީ ޕޯޓެއް ގާއިމުކުރާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އަޑި ނޭނގޭ އެއްބަސްވުމެއް ކަމަށާއި އަދި އެތަނުގައި ޕޯޓެއް ގާއިމުކުރުމުން ރައްޔިތުންގެ ގެދޮރުވެރިކަމަށް ބޭނުންވާ ބިމުގެ ދަތިކަން ދިމާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގެދޮރުގެ މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުން ހިއްކަން ފަށައިފައިވާ ދެތިން ތަނަކުން ގެދޮރުގެ މައްސަލަ އެއްކޮށް ހައްލުވެގެން ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ކުރީ ސަރުކާރުން ވަނީ ހުޅުމާލެ ފަޅުންނާއި ގިރާވަރުފަޅު އަދި ގުޅިފަޅު ތަންކޮޅެއް ހިއްކަން ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި އަޅުގަނޑު ހަމަ މިއާ ގުޅުވާލާ ހަނދާންވި ކަމެއް. އަޅުގަނޑު އެއިރު މޭޔަރަކަށް ހުރި އިރުގައި މި ދެންނެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ގާތު ގުޅިފަޅު ވާހަކަ ދެންނެވީމަ ވިދާޅުވީ އެއީކީ މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫނޭ. އެހެންކިޔާފަ އެހެންނަމަވެސް އެތަން ހިއްކައިގެން އެތަން އަނެއްކާވެސް ބޭނުންކުރަން ފެށީ. އެހެންވީމާ ޕްލޭނެއް ނެތި މަސައްކަތް ކުރިއަށް ގެންދިޔައީ. ދެން ކޮންމެއަކަސް އެ މީހުން އެތަނުން ގޯތިގެދޮރު ދޭން ފެށީ. އަދި ގިރާވަރުފަޅުން ވެސް ގޯތިގެދޮރު ދޭން ފެށީ. އެކަން ވެސް ފެށީ ދައުރު ނިމެން ވަރަށް ގާތްވެފަ އޮއްވައި. ދެން އަޅުގަނޑު މި ވައުދުވީ ނުހިއްކައި އޮތް ތަނުން ވެސް ފަޅުތެރެއިން ވެސް ދޭން ނިންމި ގޯތިތަކާއެކީގައި އެ ގޯއްޗެއް ނޫނިއްޔާމު އެ ފުލެޓެއް ދޭން ނިންމި ތާކުން ދޭނެ ކަމަށް. އެ ވައުދު އަޅުގަނޑުވިން. އެ ވައުދު މަތީގައި އަޅުގަނޑުމެން މިތިބީ. އިރާދަކުރެއްވިޔާ އެ ވައުދު ހަމަ އެގޮތަށް ފުއްދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މިހާރު ވަނީ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށްފައި ކަމަށާއި ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ ސަބަބުން ގުޅިފަޅުން 70 ހެކްޓަރުގެ ބިން މާލޭ މީހުންނަށް ގެދޮރު ދިނުމަށް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރުން ގުޅިފަޅުގެ އެންމެ ފުން ސަރަހައްދު ހިއްކުމަށް ޕްލޭންގައި ހިމަނާފައިނުވާ ކަމަށާއި 20 މީޓަރުގެ އެ ފުން ސަރަހައްދު ހިއްކުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ނިންމާފައިވަނީ ޖުމުލަ 200 ހެކްޓަރުގެ ބިން ގުޅިފަޅުން ހިއްކުމަށް ކަމަށެވެ.

ކުރީ ސަރުކާރުން ގިރާވަރުފަޅު ހިއްކުމަށް ނިންމި ސަރަހައްދަށްވުރެ ބޮޑުކޮށް ހިއްކުމަށް މި ސަރުކާރުން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފަޅުގައި އޮންނަ ރިސޯޓަށް ބޭނުންވާ ވަރަށް ޖާގަ ކެނޑުމަށްފަހު، ދެން އޮތް ފަޅު މި ސަރުކާރުން ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާނުއްސުރެ އިހުމާލުވުމުގެ ސަބަބުން ބޮޑުވެފައިވާ މައްސަލައަކަށްވުމުން، ޖުމުލަކޮށް އެ މައްސަލައަށް ހައްލު ހޯދެން އޮތީ އެންމެ ކައިރިން ފުށިދިއްގަރުފަޅު ހިއްކައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފުށިދިއްގަރުން 1،000 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމި ކަމަށާއި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބަޖެޓުން އެކަން އުނިކޮށްފައި ކަމަށެވެ. ބަޖެޓުގައި އެކަން ނުހިމެނި ކަމަށްވިޔަސް ސަރުކާރުން ވަނީ ފުށިދިއްގަރުފަޅު ހިއްކަން ފަށައިފައި ކަމަށާއި އެތަނުން އުފެދޭ ބިމުންނާއި ގުޅިފަޅަށް އިތުރުކުރާ ބިމުންނާއި ގިރާވަރުފަޅަށާއި ހުޅުމާލެއަށް އިތުރުކުރާ ބިމުން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖޭގައި 30،000 ހައުސިން މަޝްރޫއު ހިންގުމަށް އެއްބަސްވެފައިވާ ކަމަށާއި އެ ނޫންވެސް އެކިކަހަލަ ހައުސިން މަޝްރޫއުތައް ދަނީ ފަހިވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.