ބަޔާން ލެވަކޫސަންގެ ކޯޗުކަމުގައި ހުރި ޒަބީ އެލޯންސޯ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލަން ނުވިސްނާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

އުމުރުން 42 އަހަރުގެ އެލޯންސޯއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ޑިމާންޑް ބޮޑު ކޯޗެވެ. މިހާތަނަށް ސީޒަނުގެ ލީގުގައި އެޓީމު ބަލިވެފައިނުވާ އިރު، ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ހޯދަން އޮތީ ކުޑަ ހިތްވަރެއް ކުރަން ޖެހިފައެވެ. މިވަގުތު އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއްގައެވެ. ބާކީ މި ސީޒަނުގެ ލީގުގައި އޮތީ އަށް މެޗެވެ.

އެލޯންސޯ ހޯދަން ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކުން މަސައްކަތް ކުރަމުންދާ އިރު، އޭނާ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ބަޔާނާއި ލިވަޕޫލެވެ. ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް މި ސީޒަނަށްފަހު ބަޔާން ދޫކޮށްލަން ނިންމާފައިވާ އިރު، ޔާގަން ކްލޮޕްވެސް މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ވަނީ ނިންމައިފައެވެ. އެހެންކަމުން، އެ ދެޓީމުންވެސް މިހާރު ދަނީ އާ ކޯޗެއް ހޯދަން މަސައްކަތް ކުރަމުންނެވެ.

އެލޯންސޯގެ ވާހަކަދައްކަވަމުން ބަޔާންގެ ރައީސް، އުލީ ހޮއެނެސް ވިދާޅުވީ އެލޯންސޯ ގެންދިއުމަކީ މިވަގުތަށް ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށެވެ. އެއީ އެލޯންސޯ ބޭނުންވަނީ މި ސީޒަނަށްފަހުވެސް ލެވަކޫސަންގައި މަޑުކުރަން ކަމަށާއި، އެއީ ލެވަކޫސަން ފަހަތަށް ވައްޓާލަން ބޭނުން ނުވާތީ ކަމަށްވެސް ބަޔާންގެ ރައީސް ވިދާޅުވިއެވެ.

އެލޯންސޯ ކުޅުނު ޒަމާނު، އޭނާ ވަނީ ލިވަޕޫލަށް، 210 މެޗު ކުޅެދީފައެވެ. 2004 އިން 2009 ވަނަ އަހަރަށް ލިވަޕޫލަށް ކުޅުނު އެލޯންސޯ އޭގެ ފަހުން ރެއާލް މެޑްރިޑަށްވެސް ކުޅުމަށްފަހު، ބަޔާން މިއުނިކަށްވެސް ކުޅެފައިވެއެވެ. ސީނިއާ ކޯޗިންނަށް އެލޯންސޯ، 2022 ވަނަ އަހަރު އޮކްޓޯބަރު މަހު ނުކުތީ ލެވަކޫސަންއާ އެކުގައެވެ.