ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލައާ އޭނާ ގުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް އަންގަވާފައި ކަމަށް، އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އާރުޑީސީގެ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގަށް ފައްޔާޒު މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އެ ތުހުމަތުތައް ފައްޔާޒް ދޮގުކުރައްވައެވެ.
ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒު ވިދާޅުވީ، ފުލުހުން އޭނާއާ ސުވާލުކުރެއްވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ރައީސް އޮފީހުން އާންމުކުރި އޭނާގެ މާލީ ބަޔާނަކާ ގުޅިގެން ކަމަށެވެ. އެއީ އެ ދުވަސްވަރު އޭނާއާ ގުޅުން އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނެއްގެ މައްސަލަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑާ ފުރަތަމަ ކަމަކަށް ބެހޭ ކަމެއް ވެސް ނޫން. އެ ގުޅުވަން މަސައްކަތް މި ކުރައްވަނީ ރައީސް މުއިއްޒުގެ ރިކުއެސްޓުގެ މަތިން ހެޕީ މާކެޓު އިހުސާން ކުރާ ކަމެއް މިކަމަކީ. އެހެން ނަމަވެސް ވަރަށް ސާފުކޮށް އޮތް ކަމެއް. ހާމަކޮށްފައި އޮތް ކަމެއް ބޮޑު ކަންތައްގަނޑަކަށް ހަދައިގެން ރައްޔިތުންގެ މެދުގައި އަޅުގަނޑުމެންގެ އަބުރު ކަތިލަން ކުރި ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަނބުރު ކަތިލަން ކަމަށެވެ. އަދި ވިދާޅުވީ ފުލުހަށް ހާޒިރުކުރީ ބިރު ދެއްކުމުގެ ގޮތުން ކަމަށާއި ނަމަވެސް އޭނާއަކީ ބިރު ގަންނާނެ މީހެއް ނޫންކަން ފުލުހުންނަށްވެސް އެނގޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް. އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރަން" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ އާރުޑީސީއަށް އަމާޒުވާ ހިޔާނާތުގެ މައްސަލައާ ފައްޔާޒާ ގުޅުމެއްވާ ކަމަށް ފުލުހުން މައުލޫމާތު ނުދޭ ކަމަށެވެ. އަދި ފައްޔާޒުގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ނުކުރާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު