ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން 2022 ވަނަ އަހަރު ހިންގި ހިޔާނާތުގެ މައްސަލައިގައި ސުވާލުކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރުކުރިޔަސް، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިދިނުމަށް އޭނާ އިލްތިމާސް ކުރައްވައިފިއެވެ.
އެ މައްސަލައިގައި ސުވާލުކުރުމަށް ފައްޔާޒް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 3:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.
ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕޭން ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ސިޔާސީ ގޮތުން އެހެން ދައްކާ ބިރަކަށް އެމްޑީޕީ ބިރު ނުގަންނާނެކަން މިހާރު އެނގެން ޖެހޭނެ ކަމަށާއި ވޭތުވެދިޔަ 20 އަހަރު އެމްޑީޕީން ކުރި މަސައްކަތަކީ ބިރެއް ނެތި މުޅި ރާއްޖޭގައި މަގުމައްޗަށް ނުކުމެ، މި ގައުމުގައި އަދުލުއިންސާފު ގާއިމުކުރުމަށް ކުރި މަސައްކަތް ކަމަށެވެ.
"އެހެންވީމާ އެކަމަކާ ކަންބޮޑުވާނެ ކަމެއް ނެތް. ތި ބޭފުޅުންނަށް އަޅުގަނޑުގެ އެޑްވައިޒްއަކީ އެއްގޮތަކަށް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާތި، އަޅުގަނޑު ގެންގޮސް އެ ތަނުގައި ހައްޔަރުކުރިޔަސް އެއްގޮތަކަށް ވެސް ކަންބޮޑުވެވަޑައިނުގަންނަވާތި އަޅުގަނޑާ ދޭތެރޭގައި. އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ނޯންނާނެ، އަޅުގަނޑުގެ ބިރުވެރިކަމެއް ނޯންނާނެ. އެ ތަނުގައި އަޅުގަނޑަށް ކޮންމެ ގޮތެއް ހެދިޔަސް، ތި ބޭފުޅުން ތިކުރައްވަމުން ގެންދަވާ މަސައްކަތް ކުރައްވާ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިދެއްވާ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ދުނިޔެމަތީގެ ބިރަކީ އޭނާ ދަންނަ އެއްޗެއް ނޫން ކަމަށާއި ހަމައެކަނި ބިރު ގަންނާނީ ހެއްދެވި ފަރާތަށް ކަމަށެވެ. އަދި އެ ނޫން އެއްވެސް ބިރެއް އޭނާއަށް ނުފޯރުވޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގެންގޮސް ހައްޔަރު ވެސް ކުރަންވީ، އަޅުގަނޑުގެ ފުރާނަ ވެސް ދުއްވާލަންވީ، ކުޑަކޮށް ވެސް ފަހަތަށް ނުޖެހޭނަން. އެކަން އަޅުގަނޑުމެން ސާބިތުކޮށްފައި އޮންނާނީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދޭތެރޭގައި. އެހެން އަދި އަޅުގަނޑުމެންނަށް ބިރު ދެއްކޭނެ ކަމަށް ވިސްނައިގެން ފުލުސް އޮފީހަށް ހާޒިރުކޮށްލައިގެން އަޅުގަނޑުމެންނަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެއީ އޭނާއަށް ބިރު ދައްކަންކުރާ ކަމެއް ނޫން ކަމަށާއި އެއީ އެމްޑީޕީގެ ލީޑާޝިޕަށް ބިރު ދައްކައިގެން ރައްޔިތުންނަށް ބިރު ދައްކަން ކުރާ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެމްޑީޕީ މީހުންނަކީ ބިރު ގަންނަ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 2022 ވަނަ އަހަރު އާރުޑީސީގެ ތެރެއިން ހިންގި ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހެޅީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެ ހިޔާނާތާ ގުޅޭ މައުލޫމާތުދިނުމަށް، މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ އާރުޑީސީގެ ހިޔާނާތުގެ ތެރެއިން ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ފައިސާ ޖަމާވި އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ބޭފުޅުންގެ އެކައުންޓުތަކަށް ނުވަތަ ސަރުކާރުގެ ބައިވެރިވުން އޮތް އިސް ފަރާތްތަކުގެ ކުންފުނިތަކަށްވެސް ފައިސާ ފޮނުވާފައި އެބަހުއްޓެވެ.
އެހެންވެ ކުރީ ސަރުކާރުގެ އިސް ފަރާތްތަކަށާއި އެ ފަރާތްތަކާ ގުޅުންހުރި ވިޔަފާރިތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވި މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު