ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އިދިކޮޅަށް ވެސް ތިބީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ބިލު ބަލައިގަތުމާމެދު ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގި އިރު، ތަޅުމުގައި ސަރުކާރުގެ އެއްވެސް މެންބަރަކު ނެތި އެ ބިލު ބޭރުކޮށްލުން އެއީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ނުހޮވަންވީ ސަބަބު ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އިދިކޮޅަށް ތިބި ބަޔަކީ ސަރުކާރަށް ނިސްބަތްވާ މެންބަރުން. އެހެންވެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ނުހޮވަންވީ. އެހެންނަމަ މަޖިލީހަށް ވަދެ ވޯޓު ދެއްވަންވީ ނޫންތޯ? ވޯޓަށް އެހި ގަޑީގައި ސަރުކާރަށް ތާއީދުކުރާ، ސަރުކާރަށް ނިސްބަތްވާ އެއްވެސް މެންބަރެއް އެތާ ނެތް. އެހެންވީމާ ސަރުކާރުގެ ސިޔާސަތު ގަބޫލުނުކުރަނީ ކޮން ބައެއްކަން ވަރަށް ސާފުކޮށް އެބަ އެނގޭ ނޫންތޯ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ އިދިކޮޅު ޕާޓީ ކަމަށާއި އެހެންކަމުން ސަރުކާރު މެންބަރުން ނުކުރާ ތާއީދެއް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެކަމުގައިވެސް ވާހަކަދައްކައިގެން ހައްލު ހޯދޭނެ ގޮތް އޮތް ކަމަށް ވިދާޅުވިއެވެ.

"ވާހަކަދައްކައިގެން ނިންމޭނެ ކަންތައްތައް ހުންނާނެ. ރައްޔިތުންގެ މަޖިލީހުގައި ކޮންމެހެން ނިންމަންޖެހޭ ކަމެއް އޮވެއްޖެއްޔާ އޮޕޮޒިޝަންގައި ތިބޭ ބަޔަކާ ވާހަކަދައްކަން ޖެހޭނެ. އެ ވިސްނުމެއް ނެތް، ދެކޮޅުވެރިކަމާއި ޖަދަލުކުރުމާއި ގޮތްދޫނުކުރުން، ބޯހަރުކަން ނޫން އެއްޗެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނެތް. މިކަމުން އަޅުގަނޑުމެން ސަލާމަތްވާން އެބަ ޖެހޭ. މި ގައުމު ސަލާމަތްކުރަން އެބަ ޖެހޭ. އެކަމަށްޓަކައި ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަޅުގަނޑުމެން އެބަ ޖެހޭ ކާމިޔާބު ކުރަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ މިއަދު މި ފެންނަނީ ބާރު ސްޕީޑުގައި ފަހަތަށް ދުވާ ދޯންޏެއް ކަމަށާއި މީގެ 20 އަހަރު ފަހަތަށް މި ގައުމު ގެންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހަމަވަމުންދާތަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.