ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާބެހޭ ގޮތުން އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން، އެރަށު ކައުންސިލަށް ސިޓީއެއްގެ ދަރަޖަދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންކަން އެމަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 30 ގައެވެ. ނަމަވެސް ގާނޫނު މާނަކުރުމުގައި އުފެދުނު ހިޔާޅުތަފާތުވުންތަކަކާ ގުޅިގެން މިހާތަނަށްވެސް ތިނަދޫ ރަށު ކައުންސިލް އޮތީ ސިޓީ ކައުންސިލަކަށް ބަދަލު ނުވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010/7) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވީ މިއަދުއެވެ. އެ ބިލަކީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.

އެ ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އަށެވެ.

އެ ބިލުގައިވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ އިރު، އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލުގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލުގެ އިންތިހާބަށް ފަހުގައިކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ކައުންސިލުގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް އޮތް ނަމަ، އިސްލާހުގައިވާ ގޮތަށް އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާ ނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލު އެ ހިނދުން ފެށިގެން އުވުނީ ކަމަށާއި އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުންގެންދިޔަ ހިދުމަތްތައް ކުރިއަށްގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ އެ ގާނޫނު ފާސްވެ ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.