ނަސްލީ ގޮތުން ދިމާކުރުންތައް ކިތަންމެ ބޮޑަކަށް އިތުރުވި ނަމަވެސް، ސްޕެއިން ދޫކޮށް ދާން ބޭނުން ނުވާ ކަމަށާއި އޭނާ ސްޕެއިން ދޫކޮށްލުމަކީ ނަސްލީ ގޮތުން ދިމާކުރާ މީހުންގެ މަގުސަދު ކަމަށް ވިނީޝިއަސް ޖޫނިއާ ބުނެފިއެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ވިނީޝިއަސްއަށް ސްޕެއިން ލީގުގައި ނަސްލީގޮތުން ދިމާކުރުމުގެ މައްސަލަތަކެއް މިހާރުވެސް ސްޕެއިންގެ އިދާރާތަކުން ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން 10 މައްސަލައެއް ރަސްމީކޮށް، ޕީޖީންވެސް ދަނީ ތަހުގީގުކުރަމުންނެވެ.
ނަސްލީ ދިމާކުރުންތަކާ ގުޅޭ ގޮތުން ވިނީޝިއަސް އެންމެފަހުން ވާހަކަދައްކާފައި ވަނީ އިއްޔެ ބްރެޒިލްގެ ނޫސް ކޮންފަރެންސެއްގައެވެ. އުމުރުން 23 އަހަރުގެ ފޯވާޑާ ނަސްލީގޮތުން ދިމާކުރުމާ ގުޅޭ ސުވާލެއް ކުރުމާއެކު، އޭނާ ވަނީ ރޯން ފަށައިފައެވެ. ތަޖުބާތުގައި ޖެހި ވިނީޝިއަސް ބުނީ ނަސްލީ ދިމާކުރުންތަކުގެ ސަބަބުން ފުޓުބޯޅަ އައިގެން ކުރިއަށްދާން ވަރަށް އުނދަގޫވާ ނަމަވެސް އުންމީދު ކަނޑާނުލާނެ ކަމަށެވެ.
ސްޕެއިންއާ ދެކޮޅަށް މިރޭ ބްރެޒިލުން ނުކުންނަ އިރު، މެޗު އޮންނާނީ ރެއާލްގެ ސަންތިއާގޯ ބާނަބޭއޫގައެވެ. މެޗުގެ ތެރެއިން ބްރެޒިލާއި ސްޕެއިން ގުޅިގެން "ވަން ސްކިން"ގެ ނަމުގައި ހާއްސަ ނަސްލީތަފާތުކުރުމާ ދެކޮޅު ކެމްޕޭނެއް ކުރިއަށް ގެންދާނެއެވެ.
އިއްޔެގެ ޕްރެސްގައި އިތުރަށް ވާހަކަދައްކަމުން ވިނީޝިއަސް ބުނީ ސްޕެއިން ދޫކޮށް އެހެން ލީގަކަށް ބަދަލުވާން ނުވިސްނާ ކަމަށާއި ނަސްލީގޮތުން ދިމާކުރާ މީހުންގެ މަގުސަދު ހާސިލުވިޔަ ނުދޭނެ ކަމަށެވެ.
"އަހަރެން ހިތަކަށް ނާރާ ރެއާލް ދޫކޮށް އެހެން ލީގަކަށް ދާކަށް. އޭރުން އެއީ ނަސްލީތަފާތުކުރާ މީހުން ބޭނުންވާ ގޮތަށް ކަންތައް ކުރެވުނީ. އަހަރެން އެ މީހުންނަށް އަހަރެންގެ މޫނު ދައްކަންވެސް ލަ ލީގާގައި ހުންނާނަން،" ވިނީޝިއަސް ބުންޏެވެ.
ވިނީޝިއަސްއަށް ނަސްލީގޮތުން ދިމާކުރި މައްސަލަތަކެއްގައި ލަ ލީގާގައިން ވަނީ ބައެއް ކްލަބުތަކުގެ ސަޕޯޓަރުންނަށް ފިޔަވަޅުވެސް އަޅައިފައެވެ. އެގޮތުން ބައެއް ސަޕޯޓަރުން ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށް ޖޫރިމަނާވެސް ކޮށްފައިވެއެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް