ދިވެހީންގެ ރާއްޖޭގެ ފޮނިމީރުކަން ލިބޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހަސަން ވަހީދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހީންގެ ރާއްޖެއަށް ދިވެހި ރައްޔިތުން މިސްރާބު ޖެހީ ކުރީ ސަރުކާރުގެ މިސްރާބު ކަމުނުގޮސްގެން ކަމަށާއި ރައްޔިތުން ވަނީ ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ދިވެހީންގެ ރާއްޖެއަށް ގެންދަން ނިންމާފައި ކަމަށެވެ.
"އެހެންވީމާ ރައްޔިތުން މި މަސައްކަތް ފުރިހަމަކުރުމުގެ އަޒުމު ކަނޑައަޅަންވީ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދިވެހީންގެ ރާއްޖޭގެ ހުރިހާ ފޮނިމީރުކަމެއް ދިވެހީން އެދޭ ގޮތަށް ފުރިހަމަކުރުމުގެ އަޒުމު ކަނޑައަޅަންވީ. އެގޮތަކީ މިނިވަންކަން ޔަގީންކުރުމުގެ ގޮތް، ދިވެހިންގެ އިގުތިސާދު ދިވެހިންގެ އަތްމައްޗަށް ގެނެސް، ކުދިފަންތީގެ ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް އަދި މަތީފަންތީގެ ވިޔަފާރިތައް ވެސް ފުޅާވެ، މުއްސަނދިވެ، ރައްޔިތުންގެ ޖީބަށް އޭގެ ހެޔޮކަން ލިބޭ ގޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަދަންޖެހޭ ގާނޫނުތައް ހަދައި، ސަރުކާރުން ކުރާ ކަންކަމަށް ދޭންޖެހޭ އެއްބާރުލުން ދީގެން ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުމުގެ ގޮތް ރައްޔިތުން ހިޔާރުކުރަންޖެހޭ ކަމަށާއި ގައުމުގައި ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނެތްކަން ޔަގީންކޮށް، ދިވެހީންގެ ކަންކަން ކުރަނީ ދިވެހީން އަމިއްލައަށްކަން ޔަގީންކުރުމުގެ ގޮތް ހިޔާރުކުރަންޖެހޭ ކަމަށެވެ. އެއީ ދަރީންގެ މުސްތަގުބަލަށްޓަކައި ތައުލީމީ ސިޔާސަތާއި ސިއްހީ ނިޒާމާއި އިޖުތިމާއީ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ބައްޓަންކުރުމުގެ ގޮތް ކަމަށްވެވސް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ މި މަަގަށް މަސައްކަތްކުރުމަކީ ދިވެހީންގެ ރާއްޖެއަށް ދިއުމަށްޓަކައި، ފުރިހަމަކަން ހޯދުމަށްޓަކައި އެ ދިވެހީންގެ ރާއްޖޭގެ ފޮނިމީރުކަން އަޅުގަނޑުމެން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ ގޮތް. އެހެންވީމާ މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ ދިވެހީންގެ ރާއްޖެއަށް ދިއުމަށްޓަކައި މި ފެށި މަސައްކަތް ކާމިޔާބުކުރުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޓްރެކް ރެކޯޑާއި މިދިޔަ ފަސް އަހަރު މިސްރާބު ހުރީ ކޮން މަގަކުންކަން ބަލަންޖެހޭ ކަމަށާއި އިދިކޮޅުގެ މިސްރާބު ހުރީ ކޮރަޕްޝަނާއި އަޅުވެތިކަމުގެ ތެރެއަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު