އިންގްލެންޑް ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، އެޓީމުގެ ކެޕްޓަން ހެރީ ކޭންއަށް އަނިޔާވެ، ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލައިފިއެވެ.

ރޭ އިންގްލެންޑުން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 އިން ބަލިވި އިރު، އެ މެޗުގައިވެސް ކޭން ކުޅެފައެއް ނުވެއެވެ. ކޭންގެ ކުޑަހުޅަށް އަނިޔާވެފައިވާކަން އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް ޔަގީންކޮށްދީފައިވާ އިރު، އޭނާ ބުނީ އަންގާރަ ދުވަހުގެ ރޭ ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ކޭންއަށް ނުކުޅެވެނޭކަން ޔަގީން ކަމަށެވެ. އެހެންކަމުން މިވަގުތު ކޭން އެނބުރި އޭނާގެ ކްލަބު ބަޔާން މިއުނިކަަށް ގޮސް ފަރުވާ ހޯދަން ފަށާފައިވާ ކަމަށްވެސް ސައުތުގޭޓް ބުންޏެވެ.

ކޭންގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ އިތުރަށް އެސެސްކުރަން ބަޔާނުން ތައްޔާރުވެފައިވާ އިރު، އެ އަނިޔާގެ އިތުރު ތަފްސީލު ދެން ހާމަކުރާނީ ބަޔާނުންނެވެ. ބަޔާނަށް މުހިއްމު މެޗުތަކެއް ލީގުގައި އޮތް އިރު، ކޭންއަކީ މިހާތަނަށް ސީޒަނުގައި އެންމެ ގިނަ ގޯލު އެޓީމަށް ޖަހައިދީފައިވާ ފޯވަޑެވެ. ޖުމުލަ 37 ގޯލާއި 11 އެސިސްޓް ކޭން ހަދާފައިވާ އިރު، ބަޔާނަށް ލީގަށް ވާދަކުރުމަށް ކޭންގެ މުހިއްމުކަން ބޮޑެވެ. އޭގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވުންވެސް ކޭންއަށް މުހިންމު ވާނެއެވެ.

އިންގްލެންޑަށް ރޭ އަނިޔާގެ އިތުރު މައްސަލައަކާވެސް ކުރިމަތިވެފައިވާ އިރު، އެޓީމުގެ ޑިފެންޑަރު ކައިލް ވޯކާގެ އަނިޔާގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.