ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިހާބުގައި ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައިވެސް ރައީސްގެ މަގާމަށް، އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަދި މިހާރު ކާވާގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ކުރިމަތިލައިފިއެވެ.
ލަތީފް ވަނީ 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފައެވެ. އޭނާގެ މަގާމު ގެއްލުނީ ކުރީގެ ކޮމިޝަނަރު އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފުގެ ހިންގާ ކޮމިޓީ އުވާލައި އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.
ވީއޭއެމްގެ އިދާރީ ހިންގުން ގޯސްވެ، އެތައް މައްސަލައެއް ކުރިމަތިވެ، ދާދިފަހުން ވަނީ އަސާސީ ގަވާއިދު ބަދަލުކޮށް، ހަމައަކަށް އަޅުވަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އާ އަސާސީ ގަވާއިދުގައި އާ މަގާމުތަކެއްވެސް އިތުރު ކޮށްފައިވާ އިރު، މިހާރު އޮތް ހިންގާ ކޮމިޓީން ބައެއް މެމްބަރުން ވަނީ މަގާމުތަކަށް މައިގްރޭޓްވެސް ކޮށްފައެވެ. ރައީސްގެ މަގާމު މިހާރު ހުސްވެފައި ވަނީ އެ މަގާމުގައި ހުރި މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
ވީއޭއެމްއިން މިމަހު 15 ގައި ފުރަތަމަ އިންތިހާބެއް ބާއްވަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމާއެކު އިންތިހާބު މަޑު ޖައްސާލިއެވެ. އަދި އޭގެފަހުން ބާއްވަން މަސައްކަތް ކުރި އިންތިހާބު ބާއްވަން ކޮމިޝަނަރު ފުރުސަތު ދިނީ ޝަރުތުތަކަކާ އެކުގައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވީއޭއެމްގެ 2020، 2021، 2022 އަދި 2023ގެ އޮޑިޓް ރިޕޯޓްތައް އެކުލަވާލައި، އިންތިހާބީ އިޖުރާއަތްތައް ފުރިހަމަކުރުންވެސް ހިމެނެއެވެ.
އެ ޝަރުތުތަކާއެކު އަލުން އިއުލާނުކޮށް، ވީއޭއެމްއިން ވަނީ ކުރިމަތިލި މަގާމުތައް މިއަދު އަލުން އިއުލާނު ކޮށްފައެވެ. ރައީސްގެ މަގާމަށް ލަތީފު ކުރިމަތިލި އިރު، ސީނިއާ ވައިސް ޕްރްޒެޑެންޓްގެ މަގާމަށް ކުރިމަތިލީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.
- ވައިސް ޕްރެޒިޑެންޓް ވޮލީބޯލް: އަލީ ލަތީފް
- ވައިސް ޕްރެޒިޑެންޓް އިދާރީ: އިއްޒަތު ވަޙީދު
- ވައިސް ޕްރެޒިޑެންޓް އަންހެން: އާއިދާ އަބްދުލްޙަކީމް
- ހިންގާ ކޮމިޓީގެ މެމްބަރު: ފަތުހުﷲ ވަހީދު
- ހިންގާ ކޮމިޓީގެ މެމްބަރު: ސަފްވާން އަހުމަދު
- ހިންގާ ކޮމިޓީގެ މެމްބަރު: ސިޔާމް އަލީ
- ހިންގާ ކޮމިޓީގެ މެމްބަރު: އާއިޝަތު ފަތީނަތު
ވީއޭއެމްއިން ދާދިފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ރައީސަކު އިންތިހާބު ކުރެވެންދެން، ވީއޭއެމްގެ ކަންކަން ބަލަހައްޓާ ފަރާތަކަށް އަބްދުﷲ ނަޝީދު ވަނީ ކަނޑައަޅައިފައެވެ. ވީއޭއެމްއިން މިއަދު ކުރި އިއުލާނުގައި އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން މިހާރު ނިންމާފައިވާ ދުވަހެއް އިއުލާނު ކޮށްފައެއް ނުވެއެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން