ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭން ގައުމުތަކުން ތައްޔާރަށް އެބަ ތިބި ކަމަށާއި އެކަމަށްޓަކައި ގޮތް ދޫކުރައްވައި ވާހަކަދައްކަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ގޮވާލައްވައިފި އެވެ.
އެމްޑީޕީން ރޭ ރަސްފަންނުގައި ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރައްވަން އުޅުއްވާ ކަމަށާއި އެކަން ކުރެއްވުމަށް ރާއްޖޭގެ އެންމެ ގާތް އަވައްޓެރިޔާ، އިންޑިއާއާ ވާހަކަދައްކަން ބޭނުންފުޅުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
"ބައްލަވާ، މިއަދު ކުރިމަތިވެގެން މި އުޅޭ ދައްޗަކީ އިންޑިއާ އިން ނަގާފައި އޮތް ލޯނުގެ މައްސަލައެއް ނޫނޭ. ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ތި ބޭފުޅުން ހިސާބު ބައްލަވާލީމައި އެނގިވަޑައިގަންނަވާނެ، ޗައިނާ އިން ނަގާފައި ހުރި ދަރަނީގެ އަދަދަކީ 18 ބިލިއަން. ގައިމުވެސް މި ވޭތުވެދިޔަ އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި ޗައިނާއަކުން ނޯންނާނެ ދަރަންޏެއް ނަގާފައެއް. އިތުރަށް ފައިސާއެއް ހޯދައިފައެއް ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި އިންޑިއާއިން ނެގީ އަށް ބިލިއަން ރުފިޔާގެ ލޯނު ކަމަށާއި އޭގެ އިންޓަރެސްޓަކީ 1.7 ބިލިއަން ރުފިޔާ ކަމަށެވެ. އެ ލޯނުތަކަކީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ އިންޑިއާގެ ދަރަނީގެ މައްސަލައެއް ނޫން ކަމަަށާއި ދިމާވެގެން އުޅޭ މައްސަލައަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތައް ކަމަށެވެ.
އަޅުގަނޑަށް ޔަގީން އެހީތެރިވާނެ. ބޯހަރުކަން ދޫކޮށްލާފައި މީހުންނާއި ވާހަކަދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހުން އެބަ ތިބި. އެހެންނަމަވެސް ގޮތް ދޫކުރައްވާކަށް ނޫޅުއްވާ. އަދި ކިރިޔާ އެބަ ވިސްނޭހެން އަޅުގަނޑަށް ހީވަނީ. ގޮތް ދޫކުރަން، ބޯހަރުކަން ދޫކޮށްލަން ވެއްޖެކަން. އަދިވެސް ތިމަންނަމެންނަށް އެހީތެރިވާން ތިބޭނީ އަވަށްޓެރިންނާއި އަޅުގަނޑުމެންގެ އިސްލާމީ އުންމަތުގެ ގާތް ރައްޓެހިންކަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު