މާލޭ، ޕާކިން ޒޯނެއްގައި ހުރި އަނބު ގަހަކުން އަނބު ބިން ދެ މީހެއްގެ ބަންދަށް 30 ދުވަސް ޖަހައިދިނުމަށް ފުލުހުން ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ވަގަށް އަނބު ބިން މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ލަންދޫ، އުދަރެސް، އިނާޒް މުހައްމަދު (38އ) އަދި ނ. މާޅެންދޫ، ހަވޭލި، އަޒްނީފު މުހައްމަދު (34އ) އެވެ. ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. އިއްޔެ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން ވަނީ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ފުލުހުން އެ ދެ މީހުން ކޯޓަށް ހާޒިރުކޮށް ބުނީ އަޒްނީފަކީ ތަފާތު އެކި މައްސަލަތަކުގައި 44 ބަންދު ރެކޯޑު އޮތް މީހެއް ކަމަށެވެ. އަދި އިނާޒްއަކީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން 12 ބަންދު ރެކޯޑު މީހެއް އޮތް ކަމަށެވެ.

އަޒްނީފާއި އިނާޒު އަނބު ބިންނަން އެރި ގަހަކީ އާންމުކޮށް އެންމެންނަށް ވަދެ ނިކުމެވޭ ގޮތަށް އޮތް ޕާކިންޒޯނެއްގައި ކަމަށްވިޔަސް، އެ ބިމަކީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބިމެއް ކަމަށެވެ. އެ ދެ މީހުން އަނބު ބިންނަން ގަހަށް އަރާފައިވަނީ އެއްވެސް ބައެއްގެ ހުއްދަ ހޯދުމެއްނެތި ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލައިފިނަމަ ނިޒާމުގެ އާންމު ގެއްލިގެން ހިނގައިދާނެ ކަމަށާއި އެއީ ހުޅުވާލެވޭ ނުބައި ދޮރެއް ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެ ދެ މީހުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތްކަން ފާހަގަކުރައްވައި ފުލުހުން އެދުނީ ދެ މީހުން 30 ދުވަހަށް ބަންދުކޮށް ދިނުމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ 30 ދުވަހަކީ ހާލަތާ ނުބައްދަލު މިންވަރަކަށްވުމުން އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖެހުމަށެވެ. އެ ދެ މީހުންގެ ބަންދު އިތުރުކުރަން ގާޒީ ނިންމެވީ ފުލުހުން ތުހުމަތުކުރާ ވައްކަަންކުރުމުގެ ކުށް އެ ދެ މީހުން ކުރިކަމަށް ކޮންމެވެސް ވަރަކަށް ފުލުހުން ހެކި ހުށަހަޅާފައިވާތީއެވެ. އަދި މުޖުތަމައުގެ ސަލާމަތަށް ރައްކާތެރިކަމަށްޓަކައެވެ.