ސްކޫލު އިމްތިހާނު ބާއްވާ ދުވަސް ބަދަލުކުރަން ޖެހުނީ އެމްޑީޕީގެ ސަބަބުން ކަމަށް ވިދާޅުވެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ހެއްދެވީ އިތުރުފުޅެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިމަހުގެ 14 ވަނަ ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ސްކޫލު އިމްތިހާނު ބާއްވަން ކުރިން ނިންމާފައިވަނީ އަންނަ މަހުގެ 16 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެހެންވެ ގުރޭޑު 7 ،8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމްގެ އިމްތިހާނު މިމަހުގެ 17 އާއި އަންނަ މަހުގެ 25 އާ ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބޭއްވުމަށް އަންގާ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.
އެފަހުން މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ދިރާސީ އަހަރަށް ބަދަލު ގެންނަން ޖެހުނީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ސަބަބުން ކަމަށެވެ.
އެ ވާހަކަ ކުށްވެރިކޮށް އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އަވަހަށް ވައުދު ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރަން މިނިސްޓްރީން އެކަން އެޅުވީ މަޖިލިސް މެންބަރުންގެ ބޮލުގައި ކަމަށެވެ.
"ފުރަތަމަ ކަމަކަށް ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީހަށް ކުރިން އެންގުމަކާނުލައި ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް މި ޕާޓީގެ މަޖިލިސް މެންބަރުންގެ ބޮލުގައި އަޅުވައި މިނިސްޓްރީގެ ވެރިންގެ ނާގާބިލުކަން ފޮރުވަން ހެއްދެވި އިތުރުފުޅު ކުށްވެރިކުރަމެވެ..،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހުގެ އަށެއްގައި އާންމުކުރި ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންގެ އިމްތިހާނު ޝެޑިއުލްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށް ކަމަށެވެ. އަދި އަންނަ މަހުގެ 27 ގައި އިމްތިހާނުތައް ނިމުމުން ޕޭޕަރުތައް މާކުކޮށް ދަރިވަރުންގެ ރިޕޯޓު ތައްޔާރުކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ ތިން ދުވަސް ކަމަށެވެ. އެކަން އެގޮތަށް ކަލަންޑަރުކުރުމުގެ ސަބަބުން މުދައްރިސުންނަށް އެތައް ގުނައެއް ބުރަ ވެގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެކަމުގެ ޝަކުވާތަށް ވެސް ޓީޗަރުން ވަނީ ކޮށްފައި ކަމަށެވެ.
އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބެނީ އެންމެ ދެ ދުވަސް ކަމަށާއި އަދި އެގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރި އިރު، މިއަހަރުގެ އެސްއެސްސީ އިމްތިހާނު އަންނަ މަހުގެ 25 ގައި ފެށޭކަން ކަލަންޑަރު ހެދި މީހުންނަށް އެނގިފައިވާކަން ހީނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެކަން އެނގުމުން އެސްއެސްސީ އިމްތިހާނު ފެށުމުގެ ކުރިން، އަންނަ މަހުގެ 25 އަށް އިމްތިހާނުތައް ނިންމުމުގެ މަގުސަދުގައި ދެ ދުވަސް ކުރިއަށް ޖައްސާނަމަ އިމްތިހާނު ފަށަން ޖެހޭނީ ބަންދަށްފަހު ހުޅުވޭ ދުވަހުގައި ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތަށް ނުހެދޭނެތީ މިހާރު އެވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ ދެ ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް ހަމަޖައްސާފައި ކަމަށެވެ.
"އަވަސް އަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެންބަރުންގެ ބޮލުގައި އެކަން އަޅުވާފައި، ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތައުލީމީ ނިޒާމަށްދަނީ ކުރަމުން،" އެމްޑީޕީން ބުންޏެވެ.
"މި ދެއުޅިއެއްނުވާ ނިންމުން ނިންމާފައިވަނީ މަޖިލިސްގެ ކޮން ޕްރެޝަރެއް އޮވެގެންބާއެވެ..،"
މިދިޔަ އަހަރުން ފެށިގެން އެމްޑީޕީން ދިޔައީ ރޯދަ މަސް ނޫން ދުވަސްވަރެއްގައި މަޖިލިސް އިންތިހާބު ބޭއްވުމަށް ގޮވާލަމުން ކަމަށް އެމްޑީޕީން ބުންޏެވެ. ސަރުކާރުން ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީ ވެސް އެ ވާހަކަ ދައްކަމުންދަނިކޮށް ކަމަށް އެމްޑީޕީން ބުންޏެވެ. މަޖިލިސް އިންތިހާބުގެ ތާރީހަށް ގެނެވުނު ބަދަލާއި ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާ އެއްވެސް ގުޅުމެއް ނުފެންނަ ކަމަށާއި މިހާތަނަށް ވެސް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މަޖިލީހުގެ އިންތިހާބުތައް ދިޔައީ ބާއްވަމުން ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މީގެ ކުރިން ދަރިވަރުންނަށް އެފަދަ ގެއްލުމެއް ދީފައެއް ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި ބުނީ ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހިކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށޭ ބުނެ ހުއްޓާލައި، ދިރާސީ އަހަރު ކުރުގަޅުވާލައި ހަފުތާ ބަންދެއް، ރޭގަނޑެއް، ރަސްމީ ބަންދެއް ބެލުމެއްނެތި މުދައްރިސުން ތާ އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުމުގެ ސަބަބުން ޓީޗަރުން ނަފުސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމަށެވެ.
"ޓީޗަރުންނާ ދޭތެރޭ ވިސްނާ ބައެއް ނަމަ މިފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެކަން ގައިމެވެ. އަދި އިތުރު ހަރަކާތްތައް ހުއްޓާލާފައިވެސް ވަނީ ދިރާސީ އަހަރު ކުރު ގަޅުވާލުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެ ބައިތައް ސްކޫލުތަކުގައި ކުރެވެން ނެތުމުންކަން އެންމެންނަށްވެސް އެނގެއެވެ..،" އެމްޑީޕީން ބުންޏެވެ.
އެއްވެސް މަޝްވަރާ ކުރުމެއްނެތި އަދި ރޭވުންތެރިކަމެއް ނެތި ދަރިވަރުންނަށް ކުރާނެ އަސަރަށް ނުބަލާ ގެނައި އެ ބަދަލުތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެހެންކަމުން ދަރިވަރުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒިންމާދާރުވުމަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު