ތަހުގީގުކުރަމުންދާ ކޮރަޕްޝަންގެ މައްސަލައެއްގައި ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަންގެ މައި އޮފީހަށް ފުލުހުން ވަދެއްޖެއެވެ.

މެޑްރިޑްގައި ހުންނަ ސްޕެއިން ފުޓުބޯޅަ އިދާރާގެ މައި އޮފީހަށް އިއްޔެ ފުލުހުން ވަދެފައިވަނީ ޕީޖީގެ އެންގެމަށެވެ. ޕީޖީން އަންގައިގެން ފުލުހުން ތަހުގީގުކުރަމުންދަނީ ފުޓުބޯޅަ އިދާރާގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެކެވެ. އޭގެ އިތުރުން ފައިސާގެ ނުފޫޒު ފޯރުވުމުގެ މައްސަލަތަކެއްވެސް ބަލަމުންދެއެވެ.

ފުޓުބޯޅަ އިދާރާގެ މައްސަލައިގައި އިއްޔެވެސް ސްޕެއިންގެ 11 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އިއްޔެ ހަތް މީހުން ހައްޔަރުވެސް ކޮށްފައިވާ އިރު، އެފްއޭގެ އިދާރާއަށް ފުލުހުން ވަން ވަގުތު، ޖެހިގެން އޮތް ދަނޑުގައި ގައުމީ ސީނިއާ ޓީމު ދިޔައީ ފަރިތަކުުރުންތައްވެސް ކުރިއަށް ގެންދަމުންނެވެ. ސްޕެއިން ގައުމީ ޓީމުން ތައްޔާރުވަނީ ހުކުރު ދުވަހު ލަންޑަނުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށެވެ.

އިއްޔެއިން ފެށިގެން ސްޕެއިންގެ ފުޓުބޯޅަ އިދާރާއަށް ވަނުން އެ އިދާރާގެ މުއައްޒަފުންނަށް މަނާކޮށްފައިވާ އިރު، ނޫސްތަކުން ބުނެފައިވަނީ އިދާރާ ބަލައި ފާސްކުރި ގަޑީ، އެފްއޭގެ ކުރީގެ ރައީސް، މިހާރު ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައި ހުރި ލުއިސް ރުބިއާލެސްގެ ގެއަށްވެސް ފުލުހުން ވަދެފައިވާ ކަމަށެވެ.