މި ސަރުކާރުން މުސާރައަށް ކުރާ ހަރަދު އިތުރުވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރަށް ވާދަކުރައްވާ އިފްހާމް ހުސެއިންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް އެ ތަނުގައި ރޭ ބޭއްވި ހަފުލާގައި ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ހާލަތު އޮތް ގޮތާ ގުޅޭ ގޮތުން މި ސަރުކާރުން ދައްކާ ވާހަކަ އާއި އަމަލާ ދިމާނުވާ ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަހާއި މި އަހަރުގެ ފުރަތަމަ ތިން މަހާ އަޅައި ބަލާއިރު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަން ފެންނަން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ، އިތުރަށް ފައިސާ ހަރަދުކުރި އިރު، 1،700 ޕްރޮޖެކްޓެއް އޮތީ ހުއްޓާލާފައި ކަމަށެވެ. އެހެންކަމުން އިތުރުވި ފައިސާ ހަރަދުކުރީ ކޮން ބަޔަކަށްތޯ އެނގެންޖެހޭ ކަމަށާއި އެކަމުގެ މައުލޫމާތު ހޯދަން ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް ލިޔުމުން އެ މައުލޫމާތު ދީފައިނުވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެނގޭ ކަމަކީ ސިޔާސީ މަގާމުތަކަށް މީހުން ލާކަން. ފުނިފުންޏަށް، ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިޔު ޖެހިފައި ތިބޭ ކަމަށް އެބަވޭ. ޑިއުޓީ ބަހައިގެން ގޮނޑި މޭޒު ހަވާލު ކުރަމުން އަބަދޭ. އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެބޭފުޅުން މައުލޫމާތު ދެއްވީމަ އެނގޭނީ، 1500 އަށްވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވާނީ އުފައްދާފައި. އެހެން ނޫންނަމަ މަހެއްގެ މައްޗަކަށް 100، 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓް ހަރަދަކަށް، މުސާރައަކަށް ހަރަދުކުރާކަށް ނުޖެހޭނެ،" ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން އިސްރާފު ކުރަމުންދާ ކަމަށާއި އެ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅުން ނަގައި، ހަމަމަގަށް އަޅުވަންޖެހޭ ކަމަށެވެ.