ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ބައެއް ގޯތިތައް، މަގާއި ފެނާއި ނަރުދަމާގެ ސާވިސް ލައިނަށް އަރާފައި އެބަހުރި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖާ މުހައްމަދު ސިރާޖު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ބިން ލިބުނު ބައެއް މީހުން ގޯތީގެ އިންފާރު ރޭނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ބައެއް ހުރަސްތަކާހުރެ ބައެއް ފަރާތްތަކަށް އިންވަކިކޮށް ހަވާލުކުރުމުގައި ލަސްތަކެއް އެބަ އުޅޭ. ތިޔަ ފެނިވަޑައިގަންނަވަނީ ފެނާއި ނަރުދަމާގެ ސާވިސް ލައިން ގޯތިތެރެއަށް އަރާފައިވާ މަންޒަރު. ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކު އަރާ ގޮތަށް ގިނަ ގޯތިތަކެއް ކަނޑައަޅާފައި ހުރީ. މި ގޯތިތައް ދޫކުރުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ މި ނެޓްވޯކުތައް ގޯތިތަކަށް ނާރާނެ ގޮތަކަށް ރީލޮކޭޓް ކުރަން،" ސިރާޖު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނެޓްވޯކުތައް ރީލޮކޭޓް ކުރުމުގެ މަސައްކަތް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސިއާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރަމުންދަނީ ގުޅިފައިވާ އާންމު ހިދުމަތްތައް ބުރޫ ނާރާނެހެން ބަލައިގެން ކަމަށެވެ. އަދި ހުޅުމާލެ ފޭސް ދޭކުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރެވޭނީ ނެޓްވޯކުތައް ރީލޮކޭޓް ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.