ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިހާބު، މިމަހުގެ 26 ވަނަ ދުވަހުގައި ބާއްވާ ގޮތަށް ނިންމައި، އެކަން މިއަދު އިއުލާނުކޮށްފިއެވެ.
ވީއޭއެމްއިން މިއަދު ބޭއްވި އެކްސްކޯ މީޓީންއެއްގައި ނިންމާފައިވަނީ މީގެ ކުރިން އިންތިހާބު ބާއްވަން ކުރި އިއުލާނު ބާތިލުކުރުމަށާއި، އާ އިންތިހާބު މިމަހުގެ 26 ވަނަ ދުވަހުގެ ރޭ އޯޓީޕީ ބައި ސޮލައިޓްގައި ބޭއްވުމަށެވެ. އެރޭ ވީއޭއެމްގެ ހިންގާ ގަވާއިދު (ވާޝަން 2023) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮންނާނީ އެރޭ 10:00 ގައެވެ.
ވީއޭއެމްގެ މައްސަލަ އަނެއްކާވެސް ގޯސްވެފައިވާ އިރު، މިމަހު 15 ގައި ފުރަތަމަ ބާއްވަން ނިންމި ވީއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އަންގާފައިވަނިކޮށް އެކަން ކުރިއަށް ގެންދިޔައެވެ. އެ މަސައްކަތްތައް ކުރިއަށް ގެންގޮސް، ވީއޭއެމް އިން ވަނީ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައްވެސް އިއުލާނުކޮށްފައެވެ. އޭގެ ފަހުން މިމަހުގެ 19 ވަނަ ދުވަހަށް އިންތިހާބު ފަސްކުރަން ވީއޭއެމްއިން ނިންމާފައިވާ އިރު، އެކަން ނިންމި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން ސްޕޯޓްސް ކޮމިޝަަނަރު ތޮލާލް ނިންމެވިއެވެ.
އެ ހިސާބުން އަލުން ވީއޭއެމްގެ އިންތިހާބަށް މަޝްވަރާކޮށް، ތޮލާލް ނިންމީ ޝަރުތުތަކެއް ކޮށްފައި އިންތިހާބު ބާއްވަން ފުރުސަތު ދޭށެވެ. އެގޮތުން، 90 ދުވަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓުގެ ކަންކަން ފުރިހަމަ ކުރުމަށް އަންގައި، އިންތިހާބަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން ވަނީ އަންގައިފައެވެ.
އެ އެންގުމަށް ބަލައި، ވީއޭއެމްއިން އިންތިހާބު ބާއްވަން ކުރިން ކުރި އިއުލާނު ބާތިލުކޮށް، ކުރިމަތިލާން ކުރި އިއުލާނު ވަނީ ބާތިލުކޮށްފައެވެ. ވީއޭއެމްގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް މިއަދު އަލުން ހުޅުވާލާފައިވާ އިރު، ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ހުށަހެޅުންތައް މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ވީއޭއެމްއަށް ހުށަހަޅަން ވަނީ އެދިފައެވެ.
ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ލިސްޓެއް ވީއޭއެމްއިން އިއުލާނު ކޮށްފައިވާ އިރު، ހުޅުވާލާފައިވާ މަގާމުތަކަކީ:
- 1- ޕްރެޒިޑެންޓް
- 2- ސީނިއަރ ވައިސް ޕްރްޒެޑެންޓް
- 3- ވައިސް ޕްރެޒިޑެންޓް – ވޮލީބޯލް
- 4- ވައިސް ޕްރެޒިޑެންޓް – އިދާރީ
- 5- ވައިސް ޕްރެޒިޑެންޓް – އަންހެން
- 6- ހިންގާ ކޮމިޓީގެ މެމްބަރު 3
- 7- ހިންގާ ކޮމިޓީގެ މެމްބަރު 4
- 8- ހިންގާ ކޮމިޓީގެ މެމްބަރު 5
- 9- ހިންގާ ކޮމިޓީގެ މެމްބަރު އަންހެން 6 އެކެވެ.
ވީއޭއެމްއިން ދާދިފަހުން އާ އަސާސީ ގަވާއިދެއް ފާސްކޮށް، ކުރިން އިންތިހާބުވެފައި ތިބި މެމްބަރުން މަގާމުތަކަށް މައިގްރޭޓް ކޮށްފައިވާ އިރު، މިހާރު އިންތިހާބަކަށް މަސައްކަތް ކުރަނީ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމަށެވެ. އެ މަގާމުތަކުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހިމެނެއެވެ. އެ މަގާމު ހުސްވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެ މަގާމަށް އިންތިހާބުވި މުހައްމަދު ރަނޭޝް (ރަނޭ)، މިދިޔަ މަހުގެ 27 ގައި ސިޓީ ލުމަށްފަހު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާދިނުމާ އެކުގައެވެ
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން