ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް އަންނަ އަހަރު ޖެނުއަރީ ހަތަރެއްގައި ފަށަން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 އަންނަ އަހަރު ޖެނުއަރީ މަހު ފަށާނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. މެޗުގައި ވާދަކުރާނީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަމާއި މި އަހަރުގެ ޗެމްޕިއަން ބ. އޭދަފުއްޓެވެ. އެ ދެ ޓީމަކީ މުބާރާތުގެ މި އަހަރުގެ ފައިނަލުގައިވެސް ވާދަކުރި ދެ ޓީމެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް، މޫސާ ރިލުވާން މިރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ 2024 ވަނަ އަހަރުގެ މުބާރާތް ވަރަށް ކާމިޔާބު ކަމަށާއި އެ މުބާރާތަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުންވެސް ބެލި މެޗެއް ކަމަށެވެ.

"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ކާމިޔާބު ކަމާއެކު ނިންމާލުމަށްފަހު, އަންނަ އަހަރު މި މުބާރާތުގެ ނުވަވަނަ މުބާރާތް, 2025 ވަނަ އަހަރުގެ ޖަނަވަރީ 4 ގައި ފެށުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗަކީ ރެކޯޑް އަދަދަކަށް ސަޕޯޓަރުން މެޗު ބަލަން ހާޒިރުވި މެޗެކެވެ. އަދި އެ މެޗު ފެށުުނީއްސުރެ ނިމެންދެން ލ. ގަން އަދި ބ. އޭދަފުށި ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ދިން ސަޕޯޓަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޝުކުރު އަދާކުރަމެވެ. އަންނަ އަހަރުގެ މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ, މި އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި އަދި 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަން އެވެ.،" ރިލުވާން ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ރިލުވާން އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކާމިޔާބު ކަމާއެކު ކޮންމެ އަހަރަކުވެސް ބޭއްވެނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ދޭ އެއްބާރުލުމާއެކުގައި ކަމަށާއި އޭގެ އިތުރުން ސްޕޮންސަރުންނާ ނުލާ މުބާރާތް ބޭއްވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންވެ މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ސްޕޮންސަރުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާއިރު، 320 މެޗު ކުޅެފައިވެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މި އަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.