ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ކުޑަކުދިންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯ ޑައުންލޯޑުކުރި ދެ މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސެޕްކްޓާ އޮފް ޕޮލިސް ސޮފްއަތު އަހުމަދު ރައޫފު ވިދާޅުވީ އެ ދެ މީހުންގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ރާއްޖެއިން ބޭރުގެ ލޯ އެންފޯސްމެންޓެއް މެދުވެރިކޮށް ކަމަށެވެ.
"ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ނިސްބަތްވާ އައިޑީތަކަށް މޯބައިލް ނަންބަރުތައް ހިމެނޭ ގޮތުން މި ޑައުންލޯޑްކުރާ ކުޑަކުދިންގެ ފޮޓޯ، ވީޑިއޯގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން މިދަނީ،" ސޮފްއަތު ވިދާޅުވިއެވެ.
ސޮފްއަތު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ދެ މީހުންގެ ތެރެއިން 32 އަހަރުގެ މީހާގެ މައްޗަށް މިދިޔަ އޮކްޓޫބަރުމަހު ދައުވާކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ ގެންގުޅުނު އެކި ޑިވައިސްތަކުން ދެ އަހަރާއި 18 އަހަރުން ދަށުގެ އެކި އުމުރުފުރާގެ ކުދިންގެ ބަރަހަނާ ފޮޓޯ ފެނިފައިވާ ކަމަށް ސޮފްއަތު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތެއްގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު