ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން ރޭ ލީގުގައި ކުޅުނު މެޗުގައި އޮސަސޫނާ ބަލިކޮށްފިއެވެ.

ރެއާލްއިން ރަށުން ބޭރުގައި ރޭ ކުޅުނު މެޗު 4-2 އިން ކާމިޔާބު ކޮށް، އެޓީމުން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ރެއާލް މިވަގުތު އެއްވަނައިގައި އޮތީ 29 މެޗުން 72 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޖިރޯނާއިން ރޭ ލީގުގައި ގެޓާފޭ އަތުން 1-0 އިން ބަލިވުމާއެކު އެޓީމަށް ވަނީ ލީގު ތަށީގެ އުންމީދު ފަނޑުވެފައެވެ. މިވަގުތު ޖިރޯނާ ދެވަނައިގައި އޮތީ 29 މެޗުން 62 ޕޮއިންޓާއެކުގައެވެ.

ތިންވަނައިގައި ބާސެލޯނާ އޮތީ 28 މެޗުން 61 ޕޮއިންޓާއެކުގައެވެ. ބާސާއަށް މިހަފުތާގެ މެޗުން މޮޅުވެ، ދެވަނައަށް އެރޭނެއެވެ.

ރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ރެއާލްއިން ލީޑު ނެގީ ވިނީޝިއަސް ޖޫނިއާ ޖެހި ގޯލުންނެވެ. އެ ގޯލުން ރެއާލް އަވަސް ލީޑެއް ނެގި ނަމަވެސް، އޭގެ ކުޑަ އިރުކޮޅެއްފަހުން އަންޓޭ ބުޑިމީރް ވަނީ އޮސަސޫނާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްއިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގި އިރު، 31 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ޑެނީ ކަވަހާލްއެވެ.

ދެވަނަ ހާފަށް ނުކުމެ، ބްރަހީމް ޑިއާޒާއިން ވިނީޝިއަސް ޖެހި ގޯލުތަކުން ރެއާލް ހަމަޖެހިލި އިރު، އޮސަސޫނާއަށް ދެވަނަ ގޯލު ޖަހައިދިނީ އީކާ މުނޯޒެވެ. އޭނާ ގޯލު ޖެހި މެޗު ނިމިނިމި އޮއްވައެވެ.