ފޯމު ދަށްކޮށް އޮތް ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީން އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ،

މިދިޔަ އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަން ސިޓީން ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ސިޓީން ޖެހިޖެހިގެން ހަ ފަހަރަށް އެފްއޭ ކަޕް ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އެޓީމަކީ އެ ޝަރަފު ހޯދި ފުރަތަމަ ޓީމެވެ. ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވިފަހުން މިހާތަނަށް ކުޅުނު އަށް ސީޒަނުގެ ތެރެއިން ހަތް ސީޒަނެއްގައި ސިޓީން ވަނީ އެފްއޭ ކަޕްގެ ސެމީއާ ހަމައަށް ދަތުރު ކޮށްފައެވެ.

ރޭގެ މެޗު ކުރިއަށްދިޔަ ވަގުތު ކޮންމެވެސް ވަރަކަށް ވާރޭވެސް ވެހިފައިވާ އިރު، ސިޓީން ވަނީ މެޗު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްފައެވެ. މިދިޔަ ހަފުތާގައި ލީގުގައި ކުޅުނު މެޗުގައި ޗެލްސީ ކައިރިންވެސް ނިއުކާސަލް ބަލިވެފައިވާ އިރު، އެޓީމުގެ ފަރާތުން ރޭވެސް ފެނުނީ މާޔޫސީ ކުޅުމެކެވެ. ސިޓީން މެޗުގެ 75 ޕަސެންޓް ވަގުތުގައި ބޯޅަ ގެންގުޅެ ނުރައްކާ ކުރިއެވެ.

ސިޓީން މެޗުގެ 13 ވަނަ މިނެޓުގައި ލީޑު ނެގި އިރު، އެ ގޯލު ޖެހީ މެޗު ފެށުނީއްސުރެންވެސް ސިޓީއަށް ނުރައްކާކުރަމުންދިޔަ ބަނާޑޯ ސިލްވާއެވެ. ސިލްވާ ޖެހި ބޯޅަ ގޯލަށް ވަނީ ނިއުކާސަލް ޑިފެންޑަރު ސްވެން ބޮޓްމަން ބޮލުގައި ޖެހިލައިފައެވެ.

ނިއުކާސަލްއަށް މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު، ފުރަތަމަ ހާފު ނިމެންދަނިކޮށް އެލެކްސެންޑްރާ އީސާކަށް ލިބި ބޭކާރުވި އިރު، ހާފު ނިމުމުގެ ކުރިން ބަނާޑޯ ސިލްވާގެ އިތުރު ގޯލަކުން ސިޓީން ލީޑު ފުޅާކުރިއެވެ.

މެޗުގެ ދެވަނަ ހާފު ސިޓީން ނިންމާލީ މާ ބޮޑު ނުރައްކަލަކާ ކުރިމަތިނުލައެވެ. ހަމަޖެހިލައިފައި ދެވަނަ ހާފު ނިންމާލައި، ސިޓީން ވަނީ އަނެއްކާވެސް ވެމްބްލީގެ ސެމީއަކަށް ތައްޔާރުވެފައެވެ.