އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އޮޕަރޭޝަންތަކަށް ދެން މިހާރަށްވުރެ ގިނަ ވަގުތުތަކެއް ނުނަގާނެ ކަމަށާއި ކަނޑުމަގުން ކުރާ ޑްރަގުގެ މުއާމަލާތްތައް ވެސް ހުއްޓުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހުކުރުމާއި، ތުރުކީން ގެނައި ޑްރޯންތައް ބޭނުންކުރަން ފެށުމަށް ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ހޯދުމަށް ވެސް މީގެ ކުރިން ޖެހެނީ އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަން ކަމަށާއި އެއީ އޭރު އެ ކެޕޭސިޓީ ނެތުމުން ކަމަށެވެ.
"އެހެންނަމަވެސް މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓީމާ އަޅުގަނޑުމެންގެ މިނިވަންކަން އިރާދަކުރެއްވިއްޔާ އެބަ ޔަގީންވެގެންދޭ. ހާލުގައި ޖެހިގެން ހޯދަން ޖެހޭ މީހާ ނުހޯދިގެން މީގެ ކުރިން އުޅެން ޖެހުނުހާ ގިނަ ވަގުތު ދެން އުޅެން ނުޖެހޭނެކަން އިރާދަކުރެއްވީތީ ޔަގީންވެގެން އެބަދޭ. މި ދެންނެވި ނުވަ ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދަކީ ދެން މީގެ ފަހުން އިރާދަކުރެއްވިއްޔާ ހަމަ ކޮންމެ ވަގުތުކޮޅެއްގައި ވެސް އަޅުގަނޑުމެންގެ ސާވެލަންސްގެ ދަށުން ބެލެހެއްޓޭނެ ސަރަހައްދެއްކަން، އެގޮތަށް ހާލުގައި ޖެހޭ މީހުން ހޯދުމުގައި އިސާހިތަކު އެކަން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ މި ލިބިގެންދިޔައީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ހާލަތު ހުރި ގޮތުން ކަނޑުމަގުން ޑްރަގުގެ އެކިކަހަލަ މުއާމަލާތްތައް ކުރާ ކުރުމުގައި، އެކަންކަން ހުއްޓުމަށް ވެސް މީގެ ކުރިން ޖެހެނީ ކޮންމެވެސް އެހެން ފަރާތްތަކެއްގެ އެހީތެރިކަން ހޯދަން ކަމަށާއި ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެގެންދާނެ ކަމަށެވެ.
"މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރަށްރަށަށް ޑްރަގު އެތެރެކޮށް، ކަނޑުމަގުން އެތެރެކޮށް ހެދުމުގައި މިހާރު ދެން މީގެ ފަހުން އަޅުގަނޑުމެންގެ ސާވޭލަންސް ވަރުގަދަވެގެން ދިޔައީމާ، މި ޔޫއޭވީތަކުގެ އެހީގައި އެކަން ހުއްޓިގެންދާނެ އިރާދަކުރެއްވިއްޔާ. އެ ހިސާބަށް އަޅުގަނޑުމެން ގެންދަން މަސައްކަތްކުރާނީ، އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދު ތައާރަފުކުރެވުނު ޑްރޯންތަކުގެ އެހީގައި މަސްވެރިންނަށް ވެސް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި މިރޭ ތައާރަފުކުރި އެޕްލިކޭޝަން މެދުވެރިކޮށް ޑްރޯންތަކުގެ އެހީގައި މަސްއައިންތައް ހޯދުމަށް މަސްވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު