ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑާ ވާދަކުރަން ޖެހުނު އިރު، އާސެނަލުން ބަޔާން މިއުނިކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ގުރު ނެގުން މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރީލް ނުވައެއް އަދި 10 ވަނަ ދުވަހުއެވެ. ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރީލް 16 އަދި 17 ވަނަ ދުވަހުއެވެ.

އާސެނަލާއި ބަޔާން ވާދަކުރާ ފުރަތަމަ ލެގުގެ މެޗު އެމިރޭޓްސް ދަނޑުގައި އޮންނަ އިރު، މިއީ 2016-17 ވަނަ އަހަރުގެ ސީޒަނަށްފަހު އާސެނަލާއި ބަޔާން މިއުނިކް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެފަހަރުގެ ގަދަ 16 ގައި އާސެނަލް ކައިރިން ބަޔާން މޮޅުވީ އެގްރިގޭޓް 10-2 ގެ ނަތީޖާއަކުންނެވެ.

ރެކޯޑު 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލްއާއި ސިޓީ އަނެއްކާވެސް ނޮކްއައުޓްގައި ވާދަކުރަން ޖެހިފައިވާ އިރު، މިއީ ފައިނަލްގެ ކުރިން އެ ދެޓީމު ނޮކްއައުޓްގައި ވާދަކުރަން ޖެހުނު ތިންވަނަ އަހަރެވެ. އެ މެޗަކީ އެންމެ ވަރުގަދަ މެޗުގެ ގޮތުގައި ބެލެވިފައި އޮތް އިރު، ދެން ފާހަގަކޮށްލެވީ ބާސެލޯނާއި ޕީއެސްޖީގެ މެޗެވެ.

އޭގެ އިތުރުން ދެން އޮތީ އެތުލެޓިކޯ މެޑްރިޑާއި ބްރޫޝިއާ ޑޯޓުމަންޑާ ވާދަކުރާ މެޗެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ މެޗުތައް މެއި މަހަށް ތާވަލު ކޮށްފައިވާ އިރު، ފައިނަލް ވެމްބްލީގައި އޮންނާނީ ޖޫން އެކެއްގައެވެ.