ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިހާބު، ޝަރުތުތަކެއް ކޮށް، މިމަހުގެ 19 ވަނަ ދުވަހު ބާއްވަން ފުރުސަތު ދޭން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އަންގަވައިފިއެވެ.
ވީއޭއެމްގެ މައްސަލަ އަނެއްކާވެސް ގޯސްވެފައިވާ އިރު، މިމަހު 15 ގައި ފުރަތަމަ ބާއްވަން ނިންމި ވީއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އަންގާފައިވަނިކޮށް އެކަން ކުރިއަށް ގެންދިޔައެވެ. އެ މަސައްކަތްތައް ކުރިއަށް ގެންގޮސް، ވީއޭއެމް އިން ވަނީ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައްވެސް އިއުލާނުކޮށްފައެވެ. އޭގެ ފަހުން މިމަހުގެ 19 ވަނަ ދުވަހަށް އިންތިހާބު ފަސްކުރަން ވީއޭއެމްއިން ނިންމީ މިދިޔަ ހަފުތާ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައެވެ. އެ ކޮންގްރެސްގައި އިތުރު ބައެއް ނިންމުންތައްވެސް ނިންމާފައިވާ އިރު، އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން ސްޕޯޓްސް ކޮމިޝަަނަރު ތޮލާލް ނިންމެވިއެވެ.
އެއީ ވީއޭއެމްއިން އެ ކޮންގްރެސް، އޮލިމްޕިކް ކޮމިޓީއާއި ސްޕޯޓްސް ކޮމިޝަނަރު ނުހިމަނައި ބޭއްވުމުގެ އިތުރުން، އެ ކޮންގްރެސްގެ ކުރިން ބާއްވަން ޖެހޭ ބައްދަލުވުމެއްވެސް ނުބާއްވައި ކޮންގްރެސް ބޭއްވުމުންނެވެ. އެގޮތަށް ސްޕޯޓްސް ކޮމިޝަނަރު ނިންމަވާފައި ވަނިކޮށް، އިއްޔެ ކަމާބެހޭ ފަރާތްތަކެއް އެކުވެ ބޭއްވި ބައްދަލުވުމަކަށްފަހު ކޮމިޝަނަރު ވަނީ ވީއޭއެމްގެ އިންތިހާބަށް ފުރުސަތު ދީފައެވެ. އެހެން ނަމަވެސް، އެއީ ޝަރުތުތަކަކާ އެކުގައެވެ.
"ވީއޭއެމްގެ އިންތިހާބު ބާއްވަން ހުއްދަ ދިނީ އެޓާނީ ޖެނެރަލްގެވެސް ލަފާ ހޯދާފައި. އަދި އޭގެ އިތުރުން މިނިސްޓްރީއާވެސް މަޝްވަރާކޮށް، ވީއޭއެމްއަށް ކަންތައްތަކެއް ޝަރުތުުކުރުމަށްފަހު. އެގޮތުން، 90 ދުވަހުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓްގެ ކަންކަން ފުރިހަމަ ކުރުމަށް އަންގައި، އިންތިހާބަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން ވާނީ އެންގިފައި،" ތޮލާލް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ވީއޭއެމްއިން ދާދިފަހުން އާ އަސާސީ ގަވާއިދެއް ފާސްކޮށް، ކުރިން އިންތިހާބު ވެފައި ތިބި މެމްބަރުން މަގާމުތަކަށް މައިގްރޭޓް ކޮށްފައިވާ އިރު، މިހާރު އިންތިހާބަކަށް މަސައްކަތް ކުރަނީ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމަށެވެ. އެ މަގާމުތަކުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހިމެނެއެވެ. އެ މަގާމު ހުސްވީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެމަގާމަށް އިންތިހާބުވި މުހައްމަދު ރަނޭޝް (ރަނޭ)، މިދިޔަ މަހުގެ 27 ގައި ސިޓީ ލުމަށްފަހު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާދިނުމާ އެކުގައެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން