ބ. ތުޅާދޫއަށް އުފަން، 36 އަހަރުގެ ހަމްނާ ރަޝީދު ހުސެއިން އަކީ، 2007 ވަނަ އަހަރުން ފެށިގެން ގައިޑް ލީޑަރެކެވެ. 2016 ވަނަ އަހަރު ވޮރަންޓް ނިންމައި، ވޮރަންޓެޑް ގައިޑް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިއެވެ. މިހާރު އެއްވެސް ގައިޑް ކޮމްޕެނީއެއް ނުހިންގި ނަމަވެސް ވަގުތު ލިބޭ ވަރަކުން ހުވާކޮށްދިނުމަށް މާލޭގެ ސްކޫލްތަކަށް އަދި ބައެއްފަހަރު ރަށްރަށަށް ވެސް ދެއެވެ.

ޤުރުއާން މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރުމަށް ސްކޫލް ތަކަށާއި ރަށްރަށަށް ގޮސް އުޅުނެވެ. ނަމަވެސް ޒަވާޖީ ހަޔާތެއް ފަށައި ކުދިން ލިބުނު ފަހުން އެކަހަލަ ފުރުސަތުތައް ބޭނުން ކުރެވެނީ ވަރަށް މަދުން ކަމަށް ހަމްނާ ބުނެއެވެ. އެޑްވާންސް ޓީޗިން ނިންމައި ރަށަށް ބަދަލުވެ ޑިޕްލޮމާ ކިޔަވަން އަނެއްކާ މާލެ އައެވެ. ޑިޕްލޮމާ ނިންމުމަށް ފަހު އަނެއްކާވެސް ރަށު ސްކޫލްގައި މަސައްކަތް ކުރިއެވެ. އޭގެ ފަހުން މާލެ އައިސް ޕޯސްޓް ގްރެޖުއޭޓް ނިންމިއެވެ. މާލޭގައި ހުރިއިރު އިންސްޓިޓިއުޓްގައި މަސައްކަތް ކުރިއެވެ.

ޕޯސްޓް ގްރެޖުއޭޓަށް ކިޔަވަމުން ދިޔައިރު ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވިއެވެ. ފުރަތަމަ ދަރިފުޅު ވިހެއުމަށް ފަހުގައިވެސް، އެއް އަހަރު މާލޭގައި މަސައްކަތް ކުރިއެވެ. ނޯޕޭ ހަމަވެގެން ރަށަށް ޗުއްޓީއަށް ދިޔަތަނުން ޤުރުއާން މުދައްރިސަކަށް އިއުލާން ކުރުމުން، އެޕްލައި ކޮށްގެން 2019 އިން ފެށިގެން ރަށަށް ބަދަލުވިއެވެ.

ރަށު ވަޒީފާގައި ހުރެ 2 ވަނަ ދަރިފުލު ލިބުމުން ފުރަތަމަ ފަރިފުޅަކީ 2 އަހަރުން ފެށިގެން ތައިރޮއިޑަށް ބޭސްކުރަންޖެހިފައިވާ ކުއްޖަކަަށް ވުމުންނާއި އެކު ކޮންމެ ހަމަހަކުން މާލެ އަންނަން ޖެހުނެވެ. އެހެންކަމުން 2022 ގައި ޗެކަޕަކަށް އައި ތަނުން ދަރިފުޅު އޭޑީއެޗްޑީ (އެޑަލްޓް އެޓެންޝަން ޑެފިސިޓް/ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ) އަށް ޑައިގްނޮސް ވެފައި ހުރިކަން އެނގުނެވެ.

ދިރާސާތައް ދައްކާގޮތުން، އޭޑީއެޗްޑީ އަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ބައްޔެކެވެ. އޭގެ ތެރޭގައި ސަމާލުކަން ދިނުމުގައި ދަތިވުމާއި ހައިޕާއެކްޓިވިޓީ އަދި އިމްޕަލްސިވް ބިހޭވިއާ ފަދަ ދެމެހެއްޓެނިވި މައްސަލަތައް އެކުލެވިގެންވާ ބައްޔެކެވެ. އެޑަލްޓް އޭޑީއެޗްޑީގެ ސަބަބުން ނުތަނަވަސް ގުޅުންތަކާއި، މަސައްކަތް ނުވަތަ ސްކޫލްގެ ނަތީޖާ ދަށްވުމާއި، އަމިއްލަ ނަފްސުގެ އިހުތިރާމް ދަށްވުމާއި، އެހެނިހެން މައްސަލަތައް ކުރިމަތިވެއެވެ.

ޑޮކްޓަރުން ލަފާ ދިނީ އަވަހަށް ތެރަޕީ ފެށުމަށެވެ. ދެ ތިން އަހަރު ތެރޭ ރަނގަޅު ވާނެކަމަށް ބުނުމުން ރަށަށް ނުގޮސް ވަގުތުން ތެރަޕީ ދޭން ފެށިއެވެ. ދަރިފުޅަށް ވަގުތުދޭން ބޭނުންވުމުންނާއި އެކު ނޯޕޭގައި ހުރެފައި 6 މަސް ފަހުން ވަޒީފާއިން ވަކިވިއެވެ. ދެންފެށީ ގޭގައި ކުދީންނަށް އޮންލައިންކޮށް ކިޔަވައިދޭށެވެ.

ހަމްނާގެ އަތްތެރި މަސައްކަތް ފެށި ގޮތް "ވަން" އަށް ހިއްސާކުރަމުން ބުނީ، އަސްލު އެ މަސައްކަތް ފެށުނީ އޮންލައިން ބިޒްނަސް އެއް ފެށުމުގެ މަގުސަދުގައި ނޫންކަމަށެވެ. ފުރަތަމަ ދަރިފުޅު ލިބި ދަރިފުޅުގެ ޕާޓީއަކަށް (ޖުވެލަރީ ސެޓެއް ހޯދަން) ފަށާއި އަތުގައި އަޅާ އެތިކޮޅާއި އަދި ހެޑް ބޭންޑެއް، އެއް ވައްތަރަކުން ހޯދަން އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.

" ހިތަށް އެރީ އަމިއްލައަށް ހެދޭތޯ މަސައްކަތް ކޮށްލަން، ކޮއްކޮގެ ވެޑިން އަށް ފުރަތަމަ ބުކޭއެއް ހެދީ، އެހެން ކުދިންނަށް ބޭނުން ވާ އެއްޗެހި އަމިއްލައަށް ހަދާ "ފަހު ކަލެކްޝަން" ޕޭޖަށް ފޮޓޯ ހިއްސާ ކުރީމަ އޯޑަރުތައް ލިބެން ފެށީ. ފުރަތަމަ ފެށުނީ ޖުވެލަރީސެޓުގެ މަސައްކަތާއި ބުކޭގެ މަސައްކަތް" ހަމްނާ ބުންޏެވެ.

2018 ވަނަ އަހަރު އެ މަސައްކަތް ފެށި އިރު މާލޭގައި ހުރެފައި، ފަހުން ރަށަށް ބަދަލުވިއެވެ. އޭގެފަހުން 2022ގައި މާލޭގައި މަޑުކުރަން ޖެހުމުން ވަޒީފާއިން ވަކިވެ މި މަސައްކަތަށް ވަގުތު ދިނުމަށް ވިސްނައި އަލުން މަސައްކަތް ފުޅާކޮށް، މަސައްކަތަށް ތަންކޮޅެއް ބޮޑަށް ވަގުތު ދޭން ފެށުނީ 2023 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ކަމަށް ހަމްނާ ބުންޏެވެ.

"އާއްމުކޮށް މަސައްކަތް ފަށަނީ ކުދިން ނިންދެވުމަށްފަހު، ގިނަ ރޭރޭ 9:30 ގެ ފަހުން. އެ މަސައްކަތުގެ އިތުރުންވެސް އޮންލައިން ކޮށް ޤުރުއާން ކިޔަވައިދެން. ކިޔަވައިދިނުން އަދި އަތްތެރި މަސައްކަތަށް ވެސް ވަގުތު ހުސްކުރަނީ ކުދިންގެ ކަންކަމަށް ވަގުތު ދިނުމަށް ފަހު،" ހަމްނާ ބުންޏެވެ.

އެ މަސައްކަތަކީ "ކަވި" މަސައްކަތް ތަކަކަށް ވުމުން ބައެއް ތަކެތި ތައްޔާރު ކުރުމަށް ވަރަށް ވަގުތު ހޭދަވެއެވެ.

"ކަސްޓަމަރު ބޭނުންވާ ގޮތް އެންމެ ޑީޓެއިލްކޮށް އަހައި އޮޅުންފިލުވުމަށް ވާހަކަ ދެއްކުމުން ފެށިގެން ބޭނުންވާ ސާމާނު ހޯދައި ނިންމައި ޑެލިވަރީ ކުރުމާއި ހަމައަށް ކޮންމެ ޕްރޮޑަކްޓަކަށް ވެސް ވަރަށް ވަގުތު ހޭދަވޭ." ހަމްނާ ބުންޏެވެ.

އަބަދު ޕްރިންޓްކުރާ ތާކުން ޕްރިންޓްކޮށް ކަފާތީ ކަޓިން މެޝިނެއް ގެނައީ ހަމްނާގެ މައިންބަފައިންނެވެ. ބޭރުން އެއްޗެހި ގެންނަން ޖެހިއްޖެ ހާލަތެއްގައި ކޮއްކޮގެ އެހީތެރިކަން ލިބެއެވެ. ކަސްޓަމަރުންނަށް ހަދައިދޭ ތަކެއްޗާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ހަމްނާ ބުންޏެވެ. ބައެއް ކަސްޓަރުން ދެ ފަހަރު ނޫނި އެއަށްވުރެ ގިނައިން ވެސް އޯޑަރު ކުރެއެވެ. އެމީހުންގެ ރައްޓެހިން ނުވަތަ އާއިލާ މީހުންވެސް އޯޑަރު ކުރަނީ ހަމްނާގެ މަސައްކަތް ފެނި ކަމުދާތީ ކަމަށް ބުނެއެވެ.

"ބައެއް މީހުންގެ ރައްޓެހިން އެމީހުންނަށް ހަދިޔާގެ ގޮތުގައި އެއްޗެހި ދިނުމުން ޕޭޖު ހޯދައި ކަމުގޮސްގެން ފީޑްބެކް ދީ އެހެން އެއްޗެއްސަށް އޯޑަރު ކުރޭ،" ހަމްނާ ބުންޏެވެ.

ހަމްނާގެ އަތްތެރި މަސައްކަތް ޕޭޖަށް ލުމުގެ ކުރިން އަމިއްލައަށް ތަޖުރިބާ ކުރެއެވެ. ޕޭޖަށް ލަނީ ހިތްހަމަޖެހޭ ނަމައެވެ. ބައެއް އެއްޗެއްސަކީ ކަސްޓަމަރުންގެ އެދުމުން ތައްޔާރު ކުރާ ތަކެއްޗެވެ.

ހަމްނާގެ އިންސްޓާގްރާމް ޕޭޖު (ފަހު ކަލެކްޝަން)ގައި ހިއްސާކޮށްފައި ހުރި މަސައްކަތްތަކަށް ބަލާއިރު، ތުއްތު ކުދިންގެ ބޭބީ ހެނދުންކޮޅުގައި އެކި ކަހަލަ މެސެޖުތައް ދައްކުވައިދޭ ކުރެހުންތައް ހުރެއެވެ. އޭގެ އިތުރުން ކީ ޗޭން، އަމިއްލަޔަށް ފަރުމާކޮށްފައި ހުރި ޓްރާންސްޕޭރަންޓް ހަތިމް، އަތްދަބަސް، ހަތިމް ސެޓް (ނަންޖަހާ ހަތިމާއި ގުޅޭ ތަސްބީހަ އަދި ހަތިމް މާކް ކުރަން ވަކި ބުކް މާކެއް)، ކުޑަކުދިންގެ އެކި މުނާސަބަތަކުގައި ބޭނުން ކުރާ ޖުވެލަރީ ސެޓްސް، ކުލަ ފަންސޫރުގައި އެކި ކަހަލަ މެސެޖުތައް ލިޔުން ފަދަ ކަވި މަސައްކަތްތައްވެސް ހިމެނެއެވެ.

ހަމްނާގެ އަމާޒަކީ މިހާރު ހަދާ ތަކެއްޗަށްވުރެ އިތުރު އައިޓަމްތައް ހެދުމާއި މާކެޓްކޮށް ވިއްކޭނެ އިތުރު ގޮތްތަކެއް ހޯދުމެވެ. އާއިލާގެ ފަަރާތުން ލިބޭ އެއްބާރުލުމަށް، ލޯތްބާއެކު ހަމްނާ ޝުކުރު އަދާކުރެއެވެ.

މުސްތަގްބަލުގައި މި ކަހަލަ އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ފަރާތްތަކަށް ހަމްނާ ދޭން ބެނުންވާ މެސެޖަކީ، ކޮންމެ މަސައްކަތެއް ކުރާއިރުވެސް ގޮންޖެހުންތަކާ ކުރިމަތި ވެދާނެ ކަމަށާއި އެފަދަ ހާލަތްތަކުގައިވެސް ހިއްވަރު ދޫކޮށްނުލައި މަސައްކަތް ކުރުމަށެވެ. ކޮންމެ މަސައްކަތަކީ ވެސް ޝައުގުވެރިކަމާއި އެކު ކޮށްފިނަމަ ކުރެވިދާނެ މަސައްކަތެއް ކަމެވެ.