ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކަން އުޅުނު ހަތް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަމުގެ ޝަކުވާއާއި ކަންބޮޑުވުން އާންމުން ފާޅުކުރަމުންދާ ކަމަށެވެ.
އެގޮތުން މ. ސްޓާކްލައުންޑްސް އިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާކަން ފާހަގަކުރެވި، އެ މީހުން ދެނެގަތުމަށް މި މަހުގެ ނުވަވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށް ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، އެ އިދާރާގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ހަތް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ މީހުންގެ ތެރޭގައި ސައްހަ ވީޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، މި ސަރުކާރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގައި ވޭތުވެދިޔަ އަހަރުތަކާ އަޅައިބަލާ އިރު، ގިނަ އަދަދެއްގެ ބިދޭސީން ފުރުވާލަމުން އަންނަ ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައިވެސް އެ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ އެ އިދާރާގެ އެންމެ އިސް މަގުސަދު ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު