ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިދިޔަ ހޯމަ ދުވަހު ބޭއްވި އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަންނަ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް، އެސޯސިއޭޝަނަށް އަންގައިފިއެވެ.

ވީއޭއެމުން ސޮލައިޓް ރެސްޓޯރަންޓްގައި ހޯމަ ދުވަހުގެ ރޭ ކުރިއަށްދިޔަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، ކޮންގްރެސްގައި އޮލިމްޕިކް ކޮމިޓީއާއި ސްޕޯޓްސް ކޮމިޝަނުން ބައިވެރިވެފައެއް ނުވެއެވެ. އިންތިހާބާ ގުޅޭ ނިންމުންތަކާއި އެސޯސިއޭޝަނުގެ އިދާރީ ކަންކަމުގެ ނިންމުންތައް އެ ކޮންގްރެސްގައި ފާސްކޮށްފައިވާ އިރު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ދާދި ފަހުން ވޮލީ އެސޯސިއޭޝަނަށް ސިޓީއެއް ފޮނުއްވައި، ވޮލީ އެސޯސިއޭޝަންގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފައެވެ. އަދި އިންތިހާބަކާ ހަމައަށް ދިއުމުގެ ކުރިން، އޮލިމްޕިކް ކޮމިޓީއާއި ސްޕޯޓްސް ކައުންސިލުން، ވޮލީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާއެކު ބައްދަލުވުމަކަށް ގޮވާލައިފައިވެސް ވެއެވެ. އެހެންނަމަވެސް އެ ބައްދަލުވުމަށް ނުގޮސް، ވީއޭއެމުން މަސައްކަތް ކުރަމުންދަނީ އިންތިހާބު ބޭއްވުމަށެވެ.

ކުރިން އިންތިހާބު ބާއްވަން އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭގައި ނަމަވެސް، މިހާރު ވަނީ 19 ވަނަ ދުވަހުގެ ރެޔަށް އިންތިހާބު ފަސްކޮށްފައެވެ. ހޯމަ ދުވަހުގެ ރޭގެ ކޮންގްރެސްގައި ވީއޭއެމްގެ 2020، 2021، 2022 އަދި 2023ގެ އޮޑިޓް ރިޕޯޓު ތައްޔާރުކުރާނެ ގޮތެއް ހޯދައި، އެކަމަށްވެސް ވަނީ ރުހުން ދީފައެވެ. އަދި އިންތިހާބަކާ ހަމައަށް ދަންދެން އިދާރާގެ ހިންގުން ބީޗް ވޮލީބޯލް ކޮމިޝަންގެ ޗެއާމަން ކަމުން، އާ އަސާސީ ގަވާއިދުގެ ތެރެއިން، ބީޗްވޮލީބޯޅަ ނައިބު ރައީސަކަށް ބަދަލުވި، އަބްދުﷲ ނަޝީދު (އަބުޅޯ)އާ ހަވާލުކުރަން ވެސް ފާސްކުރިއެވެ.

އޭގެ އިތުރުން ރޭގެ ކޮންގްރެސްގައި ވަނީ ވޮލީ އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީ އާއި ލީގަލް ކޮމިޝަންގެ އިތުރުން އެޕީލްސް ކޮމިޝަން ވެސް ވަނީ ފާސްކޮށްފައެވެ.

"ވަން ސްޕޯޓްސް"އަށް އެނގިފައިވާ ގޮތުގައި ތޮލާލް، އެސޯސިއޭޝަނަށް އަންގާފައިވަނީ ކުޅިވަރު ގާނޫނުގައި ބުނެފައިވާ ގޮތަށް ވޮލީ އެސޯސިއޭޝަންގެ ކަންކަން ފުރިހަމަ ނުވާތީ، އެކަންކަން ކުރަން އިސްކަން ދިނުމަށެވެ.

އެގޮތުން، 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ ކަންކަން ފުރިހަމަކޮށް، ވޮލީގެ އިންތިހާބާ ގުޅޭގޮތުން، ސްޕޯޓްސް ކައުންސިލާއި އޮލިމްޕިކް ކޮމިޓީ ހިމެނޭގޮތަށް ވޮލީ ހިންގާ ކޮމިޓީއާއެކު ބައްދަލުވުމެއް ބޭއްވެންދެން އިންތިހާބުގެ ކަންކަން ނުކުރަން ތޮލާލް ވަނީ އެސޯސިއޭޝަނަށް އަންގައިފައެވެ.