އަމިއްލަ ފަރާތަކުން މާލޭގެ މިސްކިތެއް އޭސީ ކޮށްދީފިނަމަ ކަރަންޓު ބިލުވެސް ދައްކަން ޖެހޭނީ އެ މީހާ ކަމަށް މާލޭ ސިޓީ ކައުންސިލުގައި އޮތް އުސޫލު ބަދަލުކޮށް، އަމިއްލަ ފަރާތްތަކުން މިސްކިތެއް އޭސީ ކޮށްދިން ނަމަވެސް، އެ މިސްކިތުގެ ކަރަންޓު ބިލު މާލޭ ސިޓީ ކައުންސިލުން ދައްކާގޮތަށް ހަމަޖައްސައިފިއެވެ.

މިސްކިތްތައް އޭސީ ކޮށްދިނުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތައް އެބަތިބި ކަމަށާއި، ނަމަވެސް އޭސީކޮށްދޭ މީހާ ބިލު ދައްކަންޖެހޭ ގޮތަށް އުސޫލު އޮތުމުން، އޭސީ ބަހައްތައިދޭ މީހާއަށް ދިމާވާ ކަމެއްގެ ސަބަބުން ބިލު ނުދެއްކިދާނެ ހާލަތެއް އައި ނަމަވެސް މިސްތިތްތަކަށް އަރާ ރައްޔިތުންނަށް ލިބިލިބިހުރި އޭސީގެ ހިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި، އަމިއްލަ ފަރާތްތަލުން އޭސީ ބަހައްޓާ މިސްކިތްތަކުގެ ކަރަންޓު ބިލު ސިޓީ ކައުންސިލުން ދައްކާގޮތަށް ހެދުމަށާއި މެއިންޓަނަންސްގެ ކަންތައްތައް ކައުންސިލުން ކުރިއަށްގެންދާގިތަށް ހެދުމަށް، ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ، ކައުންސިލަރު އަހުމަދު ޒަމީރެވެ.

ޒަމީރު ވިދާޅުވީ، މިސްކިތްތައް އޭސީކޮށް ބިލު ދައްކަމުން އައި ބައެއް ފަރާތްތަކަށް ފަހަކަށް އައިސް ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި އެހެނިހެން ކަންތައްތަކެއްގެ ސަބަބުން ކަރަންޓު ބިލު ދެއްކެން ނެތްކަންވެސް ކައުންސިލަށް އަންގަމުންދާ ކަމަށެވެ.

އެހެންކަމުން އޭސީ ކޮށްފައިވާ މިސްކިތްތަކުގެ އޭސީގެ ހިދުމަތް ކެނޑުނަ ނުދިނުމަށާއި، އަމިއްލަ ހަރަދުގައި މިސްކިތްތައް އޭސީ ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތުދިނުމަށްޓަކައި، މިސްކިތްތަކުގެ ކަރަންޓު ބިލު މާލޭ ސިޓީ ކައުންސިލުން ދެއްކުމަށް ކައުންސިލު ބައްދަލުވުމަށް އޭނާ ހުށަހެޅުއްވިއެވެ.

ކައުންސިލަރު ޒަމީރު ހުށަހެޅުއްވި ގޮތަށް ކައުންސިލުގެ މިއަދުގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.