ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގެ މެޗުތަކުން ކާމިޔާބު ހޯދައި، އާސެނަލާއި ބާސެލޯނާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އާސެނަލުން 2010 ވަނަ އަހަރަށްފަހު ކުއާޓާ ޔަގީންކުރީ ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން ޕޯޓޯ ބަލިކޮށްގެންނެވެ. ރޭގެ މެޗަށް އާސެނަލް ދަނޑަށް ދެ ޓީމު ނުކުތް އިރު، ފުރަތަމަ ލެގުން ޕޯޓޯ މޮޅުވެފައި އޮތީ 1-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރު، 1-0 އިން އާސެނަލް ކުރީގައި އޮތުމުން މެޗު ދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީގައި އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ މުހިއްމު ސޭވެއް ކުރި އިރު، އާސެނަލް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
އާސެނަލުން މެޗު ރަނގަޅަށް ފަށައި އެ ޓީމުގެ ފޯމުގައި ކުޅެން މަސައްކަތް ކުރި އިރު، ޕޯޓޯއިން ދިޔައީ ރަނގަޅަށް ޑިފެންސް ކުރަމުންނެވެ. އުމުރުން 41 އަހަރު ޕެޕޭ ޕޯޓޯގެ ޑިފެންސް ލީޑުކުރަމުންދިޔަ އިރު، އޭނާއަކީ 40 އަހަރުން މަތީގެ އައުޓްފީލްޑް ކުޅުންތެރިޔަކަށް މިހާތަނަށް ޗެމްޕިއަންސް ލީގުގައި ފެނިގެންދިޔަ ހަމައެކަނި ކުޅުންތެރިޔާއެވެ.
މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ގޯލު، 41 ވަނަ މިނެޓުގައި ޖަހައި ދިނީ ލިއާންޑްރޯ ޓްރޮސާޑެވެ. ރޭގެ މެޗުގައި ޓްރޮސާޑް ޖެހި ގޯލަކީ މި ސީޒަނަށް އާސެނަލަށް ބަދަލުވި ފަހުން އޭނާ ކާމިޔާބުކުރި 12 ވަނަ ގޯލެވެ.
ދެވަނަ ހާފުގައިވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ އިތުރު ވަގުތަށް ގޮސްގެންވެސް އިތުރު ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް މާޓެން އޮޑެގާޑް ޖެހި ބޯޅައެއް ގޯލަށް ވަނެވެ. ނަމަވެސް ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ކައި ހަވާޓްސް ޕެޕޭއަށް ފައުލް ކުރި ކަމަށެވެ.
މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޕޯޓޯގެ ވެންޑެލްއާއި ގަލޭނޯ ޖެހި ޕެނަލްޓީތައް ނާކާމިޔާވި އިރު، އާސެނަލުން ޖެހި ހަތަރު ޕެނަލްޓީވެސް ވެއްދިއެވެ.
ބާސާއާއި ނަޕޯލީ ފުރަތަމަ ލެގުގައި އިޓަލީގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައި އޮތް އިރު، ރޭގެ މެޗު ބާސާއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ އާއެކު ބާސާއަށް އެގްރިގޭޓްގައި ކުރި ލިބެނީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ބާސާގެ ޒުވާން ތަރި ފާމިން ލޮޕޭޒް ޖެހި ގޯލުގެ އިތުރުން ޖާއޯ ކަންސެލޯ ޖެހި ގޯލުން އެ ޓީމުން ރަނގަޅު ލީޑެއް ނެގިއެވެ. ދެ ގޯލުގެ ލީޑެއްގައި ބާސާ ކުޅެމުން ދަނިކޮށް، ހާފު ނިމުމުގެ ކުރިނ އާމިރް ރަހްމާނީ ނަޕޯލީއަށް ގޯލެއް ޖެހުމުން ބާސާއަށް ކޮންމެވެސް ވަރަކަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް، 83 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ވަނީ ގޯލެއް ޖަހައި ބާސާއަށް މޮޅު ޔަގީން ކޮށްދީފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު