މާލޭގެ މަގުމަތީގައި ކުނި ބެހެއްޓި 100 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް މަގުމަތީ ކުނި ބެހެއްޓި 100 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ރޯދަ މަހަށް ދިމާކޮށް ގެތައް ސާފުކޮށް، ކުނިތައް މަގުމަތީގައި ބެހެއްޓުމުގެ ސަބަބުން މާލޭގެ މަގުތައް އޮތީ ކުނިން ފުނި ޖެހިފައެވެ. އެ ކުނިތަކުގެ ތެރޭގައި ގިނައީ ފަރުނީޗަރާއި ގޭގޭގައި ހިފާ ގެންގުޅޭ ސާމާނުތަކެވެ. އެފަދަ ކުނީގެ ބާވަތްތަކަކީ ވެމްކޯއަށް ފީއެއް ދައްކައިން އުކާލަން ޖެހޭ ކުނިތަކެވެ.
ނަމަވެސް މާލޭގެ މަގުތަކުގައި ކުނި ގިނަވެފައިވާތީ ވެމްކޯއިން ވަނީ ހިލޭ ކުނި އުކައި ދޭން އިއްޔެ ފަށައިފައެވެ. އަދި ސިޓީ ކައުންސިލުން ވެސް ދަނީ މާލޭގެ މަގުތަކުން ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 15 ދުވަސް ތެރޭގައި މާލެ ތެރެއިން 200 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ 25 ފޫޓުގެ އަށް ކޮންޓޭނަރުގެ ކުނި ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.
"10 މާޗު 2024 ވީ އާދިއްތަ ދުވަހު އެކަނިވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުގެ ހީވާގި މުވައްޒަފުން ނެގި،" އާޒިމް ވިދާޅުވެފައިވެއެވެ.
އާޒިމް ވަނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެދިވަޑައިގެންފައެވެ. ދިރިއުޅޭ ގެދޮރާއި ވެށި ސާފުކޮށް ބެހެއްޓެމުން އެކަމުގެ ހިތްފަސޭހަކަން ހުރިހާ މީހުންނަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އާޒިމް މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވަނީ މިފަހަރު މާލޭގެ މަގުތަކުގައި ހުރި ހުރިހާ ކުނިތަކެއް ނެގުމުގެ ކެޕޭސިޓީ ސިޓީ ކައުންސިލުގައި ނެތް ކަމަށާއި އެހެންވެ ވެމްކޯއާ ގުޅިގެން މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު މާލޭގެ މަގުތަކުން 10 ވަރަކަށް ޓަނުގެ ކުނި ނަގަމުންދާ ކަމަށާއި އެ އަދަދާ އެއްވަރަށް ވެމްކޯއިން ވެސް ކުނި ނަގަމުންދާ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.
"ރޯދަމަހަށް ތައްޔާރުވުމަކީ ތިމަންނާގެ ގެ އެކަނި ސާފުވުމެއް ނޫން. ރޯދަމަހަށް ތައްޔާރުވުމަކީ ތިމަންނަ އުޅޭ މުޅި ވެށި ސާފުކުރުން" އާޒިމް ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް ތަނުގައި ކުނި ނެގުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ. ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށާއި މާލޭގެ ރައްޔިތުންނަށް ކުނި އުކުމަށް ފަސޭހަ ގޮތްތަކެއް ވެސް ހަމަޖައްސަވާނެ ކަމަށްވެސް އާޒިމް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު